06 Mar 2017, 10:03
ލަންޑަން (މާޗް 6) : ދުނިޔޭގެ މުއްސަނދިން ޔޫރަޕާ ދުރަށްދާ ކަމަށާއި މުއްސަނދިން އެންމެ ބޮޑަށް ގަޔާވަނީ އުތުރު އެމެރިކާ، އޮސްޓްރޭލިޔާ އަދި އޭޝިޔާގެ ސިޓީތަކަށް ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފި އެވެ.
"ނައިޓް ފްރަންކް އެންޑް ވެލްތް އެކްސް" ކުންފުނިން މުއްސަނދިންގެ ދިރިއުޅުމާއި އެމީހުންގެ ސުލޫކު ބެލުމަށް ފަހު މިއަހަރު ނެރުނު ވެލްތް ރިޕޯޓްގައި ދުނިޔޭގެ މުއްސަނދިން ޔޫރަޕްގެ މަޝްހޫރު ސިޓީތައް ކަމަށްވާ ޕެރިސް، ރޯމް، އަދި ފްރަންކްފަންޓް އާއި ބާލިން ފަދަ ސިޓީތަކާ ދުރަށްދާކަމަށާއި އެމީހުން މިހާރު ގަޔާވަނީ އަދި އާންމުކޮށް ޒިޔާރަތް ކުރަމުންގެންދަނީ އެމެރިކާ ކެނެޑާ، އޮސްޓްރޭލިޔާ އަދި އޭޝިޔާގެ ސިޓީތަކަށްކަން ހާމަކޮށްފައިވެ އެވެ. ނަމަވެސް މުއްސަނިދިން ގަޔާވާ ސިޓީއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަން އަދި ވެސް ކުރިއެކޭ ވެސް އެއްގޮތަށް އޮތްކަމަށްވެ އެވެ.

ޝެންގްހާއި
މިރިޕޯޓްގައި މުއްސަނދިންގެ ގޮތުގައި ބަލާފައިވަނީ އެމީހުންގެ އެސެޓްތަކާއި މުދަލުގެ އަގު 30 މިލިޔަން ޑޮލަރަށް ވުރެ މަތީ މީހުންނެވެ. ނައިޓް ފްރަންކްގެ ރިޕޯޓް ބުނާގޮތުން އެމެރިކާގެ ނިޔުޔޯކް އާއި ސެންފްރަންސިސްކޯ އާއި ކެލިފޯނިޔާ ފަދަ ސިޓީތަކަކީ ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ވެސް މުއްސަނދިން އުފާކުރުމަށާއި ދިރިއުޅުމަށް އެންމެ ލޯބިކުރާ ސިޓީތަކެވެ.
ސެންފްރަންސިސްކޯ އާއި ކެލިފޯނިޔާއަކީ އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ މަރުކަޒުތައް ހުންނަ ސިލިކޮން ވެލޭ ސަރަހައްދުގައިވާ ސިޓީތަކެވެ.

ސެންފްރަންސިސްކޯކެނެޑާއަށް ބަލާއިރު އޮޓަވާ، ކިޔުބެކް، ހެމިލްޓަން އަކީ މުއްސަނދިން ދާ ސިޓީތަކެކެވެ. އޭޝިޔާއަށް ބަލާއިރު މުއްސަނދިން ނުވަތަ މަހުޖަނުން ދިރިއުޅުމަށާއި ޗުއްޓީ ހޭދަކުރުމަށް ގަޔާވާ ސިޓީތަކުގެ ތެރޭގައި ދުބާއި، ސިންގަޕޯރ އަދި ޗައިނާގެ ހޮންގްކޮން އާއި މަކާއޮ އާއި ޝެންގްހާއި ހިމެނެ އެވެ. މީގެ އިތުރުން އޮސްޓްރޭލިޔާގެ ސިޑްނީ އާއި މެލްބަން އަކީވެސް މުއްސަނދިން ގަޔާވާ ސިޓީތަކެވެ.
މިރިޕޯޓް ބުނާގޮތުން އޮސްޓްރޭލިޔާގެ މެލްބަން އަށް އަހަރެއްގެ މައްޗަށް ހަތަރުހާސް މަހުޖަނުން ޒިޔާރަތް ކުރެއެވެ. މިއާއެކު އެސިޓީގައި މަހުޖަނުން ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ކުރާކަމަށްވެއެވެ.

ހޮންގްކޮންގް
ކުރުމުއްދަތުގެ ޗުއްޓީ ހޭދަކުރުމަށް މުއްސަނދިން ގަޔާވާ ރެސޯޓްތަކާއި ހޮޓާތައް ތައިލެންޑާއި އިންޑޮނީޝިޔާގައި ވެސްވެ އެވެ. ނަމަވެސް މުއްސަނދިންގެ މަރުކަޒުތަކުގެ ގޮތުގައި މިގައުމުތައް މަޝްހޫރެއްނޫނެވެ. ދުނިޔޭގެ މުއްސަނދިން ގެންދިޔުމަށްޓަކައި ދުބާއި ފަދަ ސިޓީތައް ހެދުމަށް އޭޝިޔާއާއި ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންގެންދާ ކަންވެސް މިރިޕޯޓްގައި ހާމަކޮށްފައިވެއެވެ. (ދި އިންޑިޕެންޑެންޓް)