06 Mar 2017, 09:37
ބޮލީވުޑުގެ ހުނަރުވެރި ބަތަލާ އާލިއާ ބަޓް އަށް މަރުގެ އިންޒާރު ދީފި އެވެ.
އާލިއާގެ ބައްޕަ މަހޭޝް ބަޓް ބުނީ، އާލިއާ އަށް ގެއްލުން ދޭނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައި ވަނީ ފޯނު މެދުވެރިކޮށް، ފައިސާ ހޯދަން ޑިމާންޑު ކުރި މީހެކެވެ.
އުއްތަރު ޕްރަދޭޝް އިން މަހޭޝް ބަޓް އަށް ގުޅި މީހާ ވަނީ 50 ލައްކަ އިންޑިއަން ރުޕީޒް ދިނުމަށާއި، ނުދީފި ނަމަވެސް އާލިއާ އަށް ގެއްލުން ދޭނެ ކަމަށް ބުނެ މަހޭޝް އަށް އިންޒާރު ދީފަ އެވެ.
ނަމަވެސް އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. އަދި ތުހުމަތު ކުރެވޭ އެކަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
މަރުގެ އިންޒާރާ ގުޅިގެން އާލިއާ ބުނީ، ފުލުހުން އެ މައްސަލަ ވަރަށް ރަނގަޅަށް ބަލަމުން އަންނަ ކަމަށާއި، އެއްވެސް ހާސް ކަމެއް ނެތް ކަމަށެވެ. އަދި އޭނާގެ ބައްޕަ ހުއްޓައި އެއްވެސް ކަމަކާ މެދު ބިރު ނުގަންނާނެ ކަމަށް ވެސް އާލިއާ ބުންޏެވެ.
"އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ. މައްސަލަ މިހާރު އަންނަނީ ބަލަމުން. ބައްޕަ ހުރިއްޔާ އަހަރެން އެއްވެސް ކަމަކާ ހާސް ވާކަށް ނުޖެހޭނެ،" އާލިއާ ބުންޏެވެ.
އާލިއާ މި ދުވަސްކޮޅު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ'ގެ ޕްރޮމޯޝަން މަސައްކަތްތަކުގަ އެވެ.