ބޮލީވުޑުގެ ކާމިޔާބު އެކްޓަރުން ކަމުގައިވާ ސަންޖޭ ދަތު އަދި ރޭކާ އާއި ދެމީހުން ސިއްރުން ކައިވެނި ކޮށްގެން އުޅޭ ކަމަށް އަޑު ފެތުރިއްޖެ އެވެ.

ސަންޖޭ އާއި ރޭކާ ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނެ ވާހަަކަތައް ދެކެވެން ފެށީ، ޔާސިރު އުސްމާން ލިޔެފައިވާ 'ރޭކާ: ދިން އަންޓޯލްޑް ސްޓޯރީ'ގައި އެހެން ލިޔެފައިވާ ކަމަށް ބުނެ އެވެ.

އެގޮތުން ރޭކާ ސިންދޫރު ޖަހަނީ ސަންޖޭގެ ނަމުގައި ކަމަށް ޚަބަރުތައް ވަނީ ބުނެފަ އެވެ.

ނަމަވެސް ރޭކާގެ ބަޔޮގްރަފީ ލިޔުނު އުސްމާން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ. ހިންދުސްތާން ޓައިމްސް އަށް ދިން އިންޓައިވު އެއްގައި އުސްމާން ބުނެފައި ވަނީ އެފަދަ އެއްވެސް ވާހަކައެއް ފޮތުގައި ލިޔެފައި ނުވާނެ ކަމަށެވެ.

"މިއީ މުޅިން ވެސް ދޮގު. އެފަދަ އެއްވެސް ވާހަކައެއް ލިޔެފައި ނުވާނެ. މީހުން ރަނގަޅަށް ނުކިޔަނީ،" އުސްމާން ބުނެފައިވެ އެވެ.

އަދި އެއީ 1984 ވަނަ އަހަރު ސަންޖޭ އާއި ރޭކާ އެއްކުގައި 'ޒަމީން އާސްމާން' ކިޔާ ފިލްމެއްގައި މަސައްކަތް ކުރި އިރު، އަރައިގެން އައި އަޑުތަކެއް ކަމަށާއި އެކަމުގެ ސަބަބުން މަޖައްލާ އަކަށް ދިން ރަސްމީ ބަޔާނެއްގައި ސަންޖޭ އެކަން ދޮގުކޮށްފައި ވާ ކަމަށް ވެސް އުސްމާން ބުންޏެވެ.