އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑް ބަލިކޮށް، މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނަ އަށް ޖެހިލައިފި އެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ސަންޑަލޭންޑްގެ މައްޗަށް ސިޓީން ކުރި ހޯދާފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއާ ގުޅިގެން ސިޓީ ތިންވަނައަށް ޖެހިލާފައި ވަނީ ކުޅުނު 26 މެޗުން ލިބުނު 55 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް 27 މެޗުން 56 ޕޮއިންޓް ލިބިފައިވާ އިރު، ސިޓީގެ ފަހަތުން ހަތަރުވަނާގައި އޮތް ލިވަޕޫލަށް 27 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި އަދި ވެސް އޮތީ ޗެލްސީ އެވެ. އެޓީމު ކުޅުނު 26 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

ރޭ ކުޅުނު މެޗުގެ ކުރީކޮޅު ސަންޑަލޭންޑުން ރަނގަޅަށް ކުޅެ، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. އެގޮތުން މެޗުގެ ކުރީކޮޅު ސަންޑަލޭންޑްގެ ޖާމެއިން ޑެފޯއާއި ފަބިއޯ ބޮރިނީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެ އެވެ. އޭގެތެރެއިން ޑެފޯ ފޮނުވާލި ހަމަލާ، އަމާޒުވީ ސިޓީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް، ސިޓީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ރަހީމް ސްޓާލިން ދިން ބޯޅައަކުން ސިޓީއަށް އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

ދެވަނަ ހާފުގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 59 ވަނަ މިނެޓުގައެވެ. ޑޭވިޑް ސިލްވާ ދިން ރީތި ބޯޅައަކުން ސިޓީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭ އެވެ.

ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޓޮޓެންހަމް ހޮޓްސްޕާ ވަނީ 3-2 ލަނޑުން މޮޅުވެފަ އެވެ. މެޗުގެ 20 ވަނަ މިނެޓު އަދި 56 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އެވަޓަންއަށް ރޮމެލޫ ލުކާކޫ ލަނޑެއް ކާމިޔާބުކޮށްދިންއިރު، ދެވަނަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައި ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީ އެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް އެވަޓަންގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެނާ ވެލެންސިއާ އެވެ.