06 Mar 2017, 01:11
ސަރުކާރުން ތައްގީއަށް ބޭނުންވާ މުހިންމު ކަންކަން ތަންފީޒުކުރާ އެންމެ އިސްމީހުންގެ ގޮތުގައި ތިބެން ޖެހޭނީ ވެރިކަން ކުރާ ޕާޓީ އާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ މީހުން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި އިންތިހާބީ ބޮޑެތި މަގާމުތަކުގައި ތިބެން ޖެހޭނީ ސަރުކާރު ޕާޓީގެ މީހުން ކަމަށެވެ.
އެނޫންގޮތަކަށް ކޯލިޝަނެއްގައި ވިސްނުން ހުންނަ ނަމަ އެ ކޯލިޝަނެއްގައި ރެނދުއަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އެހެން ވިދާޅުވެފައި ވާއިރު ކުރިން ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިދައުރުގައި މަޖިލީހުގެ ރައީސް ކަމަށް ވާދަކުރެއްވި އެވެ. އެހާހިސާބުން ސަރުކާރާ ޖުމްހޫރި ޕާޓީއާ ދެމެދު އޮތް ގުޅުމަށް ވަނީ ބުރުއަރައިފައެވެ.
އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް
ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތައް ކޯލިޝަނެއް ގޮތުގައި އެއްގަލަކަށް އަރަނީ ހަމައެކަނި ސަރުކާރާ އިދިކޮޅު ވާން ކަމަށެވެ. އެނޫން ގޮތަކަށް އެއްކޮށް މަސައްކަތް ނުކުރެވޭނެ ކަމަށާއި އެއީ އެހުރިހާ ޕާޓީއަކުން ވެސް ބޭނުން ވަނީ ރައީސްކަން ކަމަށް ވާތީ ކަމަށެވެ.
"އެތާ ތިބީ ހައްތާވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ފުރަން ބޭނުންވާ މީހުން. އެއް ދައުރެއްގައި ތިން ހަތަރު ރައީސުން ގެންނާކަށް ދައުލަތުގެ ބަޖެޓް ހަމަގައިމު ވެސް ތަނެއް ނުދޭ. އެހެންވީމަ އެއީކީ ވާނެ ކަމެއް ނޫން. އެހެންވީމާ މިމީހުން އެއްގަލަކަށް ނާރާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖޭގެ ޑިމޮކްރެސީގެ ނިޒާމަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ގިނަބަޔަކު ތާއީދު ކުރީމަ އެއީ ޑިމޮކްރެސީ ކަމަށެވެ. އިސްލާމީ ދައުލަތެއްގައި އިސްލާމީ ނޫން ގައުމެއްގައި އޮންނަ ޑިމޮކްރަސީއާ އެއްގޮތް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
" ގިނަ ބަޔަކު ބޭނުންވާ ގޮތަށް ގާނޫނު ފާސްކުރީމަ އެއީ ޑިމޮކްރެސީގެ ނިޒާމް. މިތާ މިއޮތީ ޑިމޮކްރެސީއެއް ނޫނެކޭ ބުނެވޭނެ ގޮތެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭ އަދި ޕީޕީއެމް ކޯލިޝަނުން ވާދަކުރާ މެމްބަރުންނަށް ތާއީދު ކުރަން ޖެހޭ ކަމަށެވެ. ސަބަބަކީ ތަރައްގީ، އެއް މިސްރާބަކަށް ގެންދިއުމުގެ ސާފު ސީދާ ތަސައްވަރެއް އޮތީ އެ ކޯލިޝަނުގެ ކަމަށް ވާތީ ކަމަށެވެ.