ްކޯލިޝަނެއް ހަދައިގެން މަސައްކަތް ފެށީ ވަރަށް މަތިވެރި އަޒުމެއްގައި ކަމަށާއި ނަމަވެސް އިހުލާސްތެރިކަމާއެކު ސަރުކާރު ކޯލިޝަނުގައި ދެމިއޮތް ހަމައެކަނި ޕާޓީއަކީ އެމްޑީއޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޯލިޝަނެއް ނަމަވެސް ބަސް ކިޔާނީ ކޮންމެސް އެކަކުކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، "ކައްޕި ހުންނާނީ އެންމެ ކައްޕިއެއް" ކަމަށެެވެ. ނަމަވެސް ގިނަ ފަޅުވެރީން ތިބޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކޯލިޝަނެއް ދަމަހައްޓަން ބޭނުން ނަމަ ކައުންސިލް އިންތިހާބުން ޕާޓީތަކަށް ޖާގަ ދޭވަރާއި، އަތޮޅު ކައުސިލް އަދު މަޖިލިސް އިންތިހާބުން ޕާޓީތަކަށް ޖާގަދޭ ވަރަށް ރިއާޔަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ޕާޓީއަކީ ފައިސާ އާއި އެހެން ގޮތްގޮތުން ހަމަހަމަ ޕާޓީތަކަކަށް ނުވާނެ ކަމަށެވެ.

" ކޯލިޝަނެއް އުފެއްދުމުގެ ބޭނުމަކީ ޕާޓީގެ ބޭނުމައްޓަކައި އެކަނި، ސަރުކާރުގެ ހުރިހާ އިމްތިޔާޒު ތަކާއި، ރާއްޖޭގެ ތަރައްގީގެ ހުރިހާ ކަމަކާއި، އަދި މުއްސަނދިކަމެއް ހިއްސާކުރުމަކީ އެންމެ ފުރަތަމަ ބޭނުންވާ ކަމެއް ކަމަށް ވަންޏާ ކޯލިޝަން ދެމެހެއްޓުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޯލިޝަނެއް ދެމެއްހެއްޓުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، " ކޯލިޝަން ތަކަކީ ސިޔާސީ ވަހުތާންތަކެއް ކަހަލަ" ނިޒާމަކަށް ގިނަ ފަހަރުވެފައި އޮންނަ ކަމަށެވެ.

އެމްޑީއޭގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ފަރާތްތަކަށް ޓިކެޓް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ނަމަވެސް ކޯލިޝަނެއްގައި މަސައްކަތް ކުރާއިރު ޕާޓީގެ އަސާސްތަކެއް އޮވެފައި ދެ ޕާޓީން ގަބޫލުކުރާ ގަބޫލުކުރުންތައް ޕާޓީގެ ވެރިން ގަބޫލުކޮށް " އެންމެ ފުރަތަމަ ގައުމު" މި ޝިއާރަށް ލޯބިކުރާނަމަ ކޯލިޝަނެއްގައި މަސައްކަތް ކުރުން އުނދަގޫ ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

" އަޅުގަނޑުމެންގެ އެހާ އިހުލާސްތެރި މަސައްކަތްތަކެއް ކުރި ބަޔަކަށް އެމްޑީއޭ ވާތީ އަޅުގަނޑުމެނަށް އެމްޑީއޭއާ އެކީ ކޯލިޝަނެއް ހަދައިގެން ގުޅިގެން ކުރިއަށް މިދެވެނީ. އެކަމަކު ރޫޅިފަ ހުރި ކޯލިޝަންތަކަށް ބަލާކަމަށް ވަންޏާ މިކަން އެކޮޅު ކޮޅުން ޖެހިގެން ކޯލިޝަންތައް ރޫޅެނީ" ރައީސް ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައިވެސް ބޭނުންވަނީ އެމްޑީއޭ އާ އެއްކޮށް ކުރިއަށްދާން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ އަމިއްލަ ގޮތުންވެސް ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. ޕާޓީގެ ގުޅުން އުފެދިފައި އޮތީވެސް އޭގެ މައްޗަށް ބިނާވެގެންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ނައިބު ރައީސުން ބަދަލުވެ، އެބޭފުޅުންނާއި ސަރުކާރާ ދެމެދު އޮތް އިތުބާރަށް ބުރޫއެރި ނަމަވެސް ޕާޓީއެއްގެ ގޮތުގައި އެމްޑީއޭއާ އެކު އޮތް އިތުބާރަށް ބުރޫ ނާރާ ކަމަށެވެ.

" އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ސިޔާސީ ގޮތުން އެންމެ ހަލަބޮލު ވީއިރުވެސް ޓައިމް ޓެސްޓެޑް ރަހުމަތްތެރިއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އެމްޑީއޭ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ވަޒީރުން އަދި އެމްޑީއޭގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.