މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ދެވަނަ ބުރުގައި އިއްޔެ ރިވާސައިޑް އަތުން 2-1 ލަނޑުން މެޗް ކާމިޔާބުކޮށް، ހަ ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނަ މަގާމަށް ހުރާ ޖެހިލައިފި އެވެ.

ޓާފް ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ، މެޗްގެ ލީޑް ހުރައިން ނަގާފައި ވަނީ މެޗްގެ ފުރަތަމަ ތިން މިނެޓްގެ ތެރޭގަ އެވެ. އެގޮތުން އެލަނޑު ހުރަ އަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު ތަސްނީމް އެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރިވާސައިޑުގެ އަހުމަދު ނިޒާމް ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށް އެ ޓީމަށް ހިތްހަމަޖެހުން ގެނެސްދީފަ އެވެ. އަދި މެޗްގައި ހުރާ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، މެޗްގެ 74 ވަނަ މިނެޓުގައި ހުސެން ނަސީރެވެ.

ދެވަނަ ބުރުގައި ޖުމްލަ ހަޓީމް ވާދަކުރާ އިރު، އިއްޔެގެ މެޗުން މޮޅުވެ ތާވަލްގެ އެއްވަނާގައި ހުރާ އޮތީ ދެ މެޗް ކުޅެ، ހަޕޮއިންޓާ އެކު އެވެ. ދެ ވަނާގައި ހަތަރު ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތް އިރު، ތާވަލްގެ ތިން ވަނާގައި އޮތީ އިއްޔެގެ މެޗުން ބަލިވި، ރިވާސައިޑެވެ. އެއީ ޖުމްލަ ތިން ޕޮއިންޓާއެކު އެވެ.

ދެވަނަ ބުރުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭ މިމުބާރާތުގެ ތާވަލްގެ އެންމެ ފުޅުގައި މިހާރު އޮތް ޓީމްތަކަށް ބަލާ އިރު، ހަތަރު ވަނާގައި ޖޭޖޭ ސްޕޯޓްސް އުޅެނީ ދެ ޕޮއިންޓާ އެކު އެވެ. އަދި އެއް ޕޮއިންޓާ އެކު ކުލަބް މެކާނޯ އުޅޭ އިރު، އެއްވެސް ޕޮއިންޓެއް ކާމިޔާބު ނުކުރެވި އެންމެ ފުލުގައި އޮތީ ކުލަބް ރެޑްލައިނެވެ.

މިމުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ރެޑްލައިން ކްލަބެވެ.