05 Mar 2017, 23:03
އެސްޓީއޯގެ 14 ސައިޓެއްގައި އުފެދޭ ކުނިތައް އުކައިދިނުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
އެސްޓީއޯގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރާއި، ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފުއާދެވެ.
މިއަދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެސްޓީއޯގެ 14 ސައިޓެއްގައި އުފެދޭ ކުނި އުކާލައި، ނައްތާލުމުގެ މަސައްކަތް ކުރާނީ ވެމްކޯއިންނެވެ.
އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވި ގޮތުގައި، އެސްޓީއޯއިން މިހާރު އެކުންފުނީގެ ސައިޓުތަކުގެ ކުނި އުކާލަނީ އަމިއްލަ ޚަރަދުގައެވެ.
ޝަހީރު ވިދާޅުވީ ވެމްކޯގެ ކޮމާޝަލް އޮޕަރޭޝަންސްގެ ދަށުން އެސްޓީއޯގެ ސައިޓުތަކުގެ ކުނި ވެމްކޯއިން އުކައިދޭނެ ކަމަށެވެ.
"އަގެއް ނެގިގެން މި މަސައްކަތް ކުރިޔަސް އެސްޓީއޯގެ އައުޓްލެޓްތަކުން ވަރަށް ވޭސްޓްހުރޭ އުކާލަންޖެހޭ. އެސްޓީއޯ މުވައަޒަފުންނާއި ވެހިކަލްސް ބޭނުންކޮށްގެން، ނުވަތަ އައުޓްސޯސް ކޮށްގެން ނަމަވެސް ވަރަށް ބޮޑު ޚާރަދަކާ އެކު މިކަން ކުރަނީ. ވެމްކޯއަށް މި މަސައްކަތް ހަވާލުކުރީމަ އެއަށް ވުރެ ކުޑަ އަގެއްގައި، އެއަށް ވުރެ މާ އޯގަނައިޒްޑްކޮށް މިކަން ކުރާނެ،" ޝަހީޜު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ ވެމްކޯއިން ރީސައިކަލް ކުރުމަށް ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ކުނި، އިންޑިއާއަށް ދަތުރުކުރާ އެސްޓީއޯގެ ބޯޓުތަކުގައި، އަގެއް ނުނަގައި ގެންގޮސްދޭންވެސް ހަމަޖެހިފައިވާ ކަމަށެވެ.