05 Mar 2017, 21:06
އެމްޑަބްލިއުއެސްސީއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން އަޅާފައިވާ ހައިވޮލްޓޭޖު ކޭބަލެއް ޝޯޓްވެ، މުޅި މާލެއިން ކަރަންޓާއި ފެން ކެނޑެން ދިމާވި މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށާއި، އެކަމާ ގުޅިގެން ދެން ކަރަންޓު ނުދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
މުޅި މާލެއިން ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 1:00 ހާއިރު އެވެ. ކަރަންޓު ލިބުނީ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ.
ސްޓެލްކޯގެ ސީނިއާ އިންޖިނިއަރު އަބްދުއްރައޫފް މިރޭ 'ސަން' އަށް ވިދާޅުވީ، މިއަދު ކަރަންޓު ކެނޑުނީ ސްޓެލްކޯއިން އަޅާފައިވާ ހައިވޮލްޓޭޖު ކޭބަލެއް ޝޯޓްވުމުގެ ސަބަބުން ކަމަށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ހައިވޮލްޓޭޖު ކޭބަލެއް ޝޯޓްވީ ފެން އެޅުމުގެ ސަބަބުނެވެ. އެކަމާ ގުޅިގެން ރައޫފް ވިދާޅުވީ ސީދާ ފެން އެޅިގެން ޝޯޓޭޖެއް ވީއޭ ބުނަން ދަތި ކަމަށެވެ.
" ފެން އެޅިގެން ޝޯޓްވުންވެސް އެކަށީގެންވޭ" ރައޫފް ވިދާޅުވި އެވެ.
" މިއަދު ދިމާވި މައްސަލަ މުޅިން ހައްލުވެއްޖެ. ދެން އެކަމާ ގުޅިގެން ކަރަންޓެއް ނުދާނެ."
މިއަދު ދެ ގަޑިއެއްހާއިރަށް ކަރަންޓު ކެނޑުމުން މާލެއިން ފެނާއި މުވާސަލާތީ ހިދުމަތްތަކަށް ވެސް ބުރޫއެރިއެވެ. އެކަމާ ގުޅުގެން އާންމުނަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.
އަދި ބައެއް ސުކޫލުތަކުގެ މެންދުރުފަހު ދަންފަޅީގައި ކިޔަވައިނުދީ، އޮފީސްތަކުންވެސް މީހުން މަގުމައްޗަށް ނުކުމެތިބި މަންޒަރު ވަނީ ފެނިފައެވެ.