05 Mar 2017, 19:35
ެއިންޑިއާގެ ޕޮލިޓީޝަން އަދި މުސްލިމުންގެ ވެރިޔާ ސައްޔިދުު ޝަހަބުއްދީން މިއަދު އަވަހާރަ ވެއްޖެ އެވެ.
އުމުރުން 82 އަހަރުފުޅުގައި ސައްޔިދު އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމައްފަހު، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ސައްޔިދު ވަނީ 1979-1996އަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވައިފައެވެ.
އޭނާ ބައިނަލްއަގުވާމީ ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، މުސްލިމުންނަށް ފުރައްސާރަކޮށް ސަލްމާން ރުޝްދީ ލިޔެފައިވާ ސެނެޓިކް ވާސަސް، އިންޑިއާގައި ވިއްކުމާއި ގެންގުޅުން މަނާކޮށް ހިންގި ކެމްޕޭނުންނެވެ.
ސެނެޓިކް ވާސަސްގައި ރަސޫލާއާއި އިސްލާމްދީނުގައި ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށް ގިނަ ވާހަކަތަކެއް ގެނެސްފައިވާކަން ސައްޔިދު ފާހަގަކުރި އެވެ. ފޮތެއް ގައުމަށް އެތެރެކުރުން މަނާކުރި އެއީ ފުރަތަމަ ފަހަރެވެ.
އޭނާގެ މަސައްކަތުން 1988 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެންވެސް އެ ފޮތް ވަނީ އިންޑިއާއަށް އެތެރެކުރުން މަނާކޮށްފައެވެ.