މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ތިން ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައިޖީއެމްއެޗް ގައި ތިބި ބަލިމީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ބަހައިފިއެވެ.

މިއަދު މެންދުރުފަހު އައިޖީއެމްއެޗަށް ޒިޔާރަތްކޮށް ހައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރުން ވަނީ އެ ހޮސްޕިޓަލުގައި މިވަގުތު ތިބި ބަލިމީހުންގެ ހާލު ބަލައި ކޮންމެ ބަލިމީހަކަށް ޒަމްޒަމް ފެންފުޅި އަކާއި ހަދިޔާއެއް ދީފައެވެ.

އެ ޒިޔާރަތުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝެއިހް މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ވަހީދު އަބްދުއްރަހްމާން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހައްޖު ކޯޕަރޭޝަނުން އައިޖީއެމްއެޗްގައި ތިބި ބަލި މީހުންނަށް ޒިޔާރަތްކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާއިތުވެ ދިޔަ ކުރު މުއްދަތުގެ ތެރޭގައި ހައްޖު ކޯޕަރޭޝަނުން ހޯދައިފައިވާ ކާމިޔާބީ ފާހަގަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން ވިދާޅުވީ، ހައްޖާއި އުމްރާގެ އަޅުކަމަށް ދިޔުމަށް ކުރިއަށްއޮތްތަނުގައި މިހާރަށްވުރެ ބޮޑެތި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ހައްޖު ކޯޕަރޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އެބަދަން. އެގޮތުން، ފައިސާ ބަލައިގަތުމާއި ރަޖިސްޓަރ ކުރުމުގެ ކަންތައްތައް ރަށުގައި ހުރެގެން ކުރިޔައް ގެންދެވޭނެ މަގު ފަހި ކޮއްދިނުމައް މަސައްކަތް ކުރަމުންދަނީ،" ޔާމީން އިދްރީސް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަނުންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް