05 Mar 2017, 19:50
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ގްރީން ސްޓްރީޓުން ކްލަބު ވެލެންސިއާ ހިފަހައްޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ވެލެންސިއާއާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗަކީ ލީގުގައި ވެލެންސިއާ ކުޅުނު ފުރަތަމަ މެޗަށްވީއިރު، އެއީ ގްރީން ސްޓްރީޓް ދެވަނަ މެޗެވެ. ގްރީން ސްޓްރީޓް ކުޅުނު ފުރަތަމަ މެޗުގައި 1-0 ލަނޑުގެ ނަތީޖާއަކުން ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށްފައިވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހާނެ ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދިޔައީ ވެލެންސިއާއިންނެވެ.

މާޗް 5، 2017: މާލޭ ލީގްގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެޗުގެ 28 ވަނަ މިނެޓުގައި ކައިރިކައިރީގައި ގްރީން ސްޓްރީޓަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން ސޮބޮލް އިލިއާ ފޮނުވާލި ހަމަލާ އާއި، މުހައްމަދު ނިޒާމް ނަގައިދިން ކޯނަރަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، މުހައްމަދު ސައިފް ބޮލުން ފޮނުވާލި ހަމަލާ ވެސް ކީޕަރު ފައިސަލް ވަނީ މަތަކޮށްފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި އިލިއާ ވަނީ ގްރީން ސްޓްރީޓަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ނަގައިދީފައެވެ. ގްރީން ސްޓްރީޓަށް އެ ޕެނަލްޓީ ލިބުނީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޗިންޑާ ޗިޒީ ކަކާއާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ކައިރިން ނައްޓާލުމަށްފަހު، ފައިސަލް ކައިރިން ނައްޓާލުމަށް އަހްމަދު ރަޝީދު (އައްމަޑޭ) މަސައްކަތްކުރަނިކޮށް ފައިސަލް އައްމަޑޭއަށް ފައުލް ކުރުމުންނެވެ.
ގްރީން ސްޓްރީޓުން ލީޑު ހޯދިތާ ތިން މިނެޓްފަހުން ވެލެންސިއާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ހުސައިން ނިހާން ނަގައިދިން ހުރަހަކުން ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޗިނޯންޔޭ ޕްރިންސް ޗިންޑާއެވެ. ގްރީން ސްޓްރީޓްގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރި، ޕްރިންސަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ލަސްނުކޮށް އަވަހަށް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.

މާޗް 5، 2017: މާލޭ ލީގްގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެޗުގެ 52 ވަނަ މިނެޓުގައި އަލުން ލީޑު ހޯދުމަށް ގްރީން ސްޓްރީޓަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޒާޑަނޯވް ޑިމީޓްރީ ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ވެލެންސިއާ ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. އަހްމަދު ރިލްވާން (ރިލޭ) ދިން ބޯޅައަކުން އޮމޮދޫ ގޮޑްފްރޭ ވެސްޓް ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެއެވެ. ބޯޅަ ލިބުނުއިރު، ގްރީން ސްޓްރީޓް ޕެނަލްޓީ އޭރިޔާ ތެރޭގައި އޭނާ ހުރީ ވަރަށް ހުސްކޮށެވެ. ވެލެންސިއާގެ އެ ހަމަލާއަށްފަހު ދެޓީމަށް ވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.