މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން [އެމްޖޭއޭ] ކުރި މަސައްކަތުން، އިންޑިއާގެ ޗެންނާއީގައި ހުންނަ އޭޝިޔަން ކޮލެޖު އޮފް ޖާނަލިޒަމްގައި ނޫސްވެރިކަން ކިޔެވުމުގެ ފުރުސަތު ހަވީރުގެ ނޫސްވެރިޔަކަށް ލިބިއްޖެ އެވެ.

މި އަހަރު އެފުރުޞަޠު ލިބިފައި ވަނީ، އެމްޖޭއޭ އިން ބުނި ގޮތުގައި، ހުސްވި އޭޕްރީލް މަހު އެ ޖަމްއިއްޔާ އިން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލި ނޫސްވެރިންގެ ތެރެއިން، ހަވީރު ނޫހުގެ އެސިސްޓަންޓް ސަބް އެޑިޓަރު ޢަލީ ޔޫސުފަށެވެ.

އަލީ ޔޫސުފު ސިލެކްޓްކޮށްފައި ވަނީ އޭޝިޔަން ކޮލެޖު އޮފް ޖާނަލިޒަމް އިންނެވެ.

އޭޝިޔަން ކޮލެޖް އޮފް ޖާނަލިޒަމް އިން ކިޔެވުމަށް ލިބުނު އެ ކޯހަކީ، ޕޯސްޓް ގްރެޖުއޭޓް ފެންވަރުގެ ކޯހެކެވެ. އަންނަ މަހުގެ 9 އަކުން 2012 ވަނަ އަހަރުގެ މޭ 10ގެ ނިޔަލަށް ކުރިއަށްދާ ކޯހުގައި އަލީ ޔޫސުފު ކިޔެވުމަށް ޚިޔާރުކޮށްފައިވާ ދާއިރާއަކީ، ޕްރިންޓް މީޑިޔާ އެވެ.

އެމްޖޭއޭ އިން ނޫސްވެރިން ތަމްރީނު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހުސްވި އަހަރު ދެ ނޫސްވެރިޔަކަށް، އޭޝިޔަން ކޮލެޖުން ކިޔެވުމުގެ ފުރުޞަޠު ލިބި އެ ދެނޫސްވެރިން ވަނީ ކިޔެވުން ނިންމުމަށް ފަހު މާލެ އައިސްފަ އެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި، އެ ޖަމިއްޔާ އަށް އޭޝިޔަން ކޮލެޖު އޮފް ޖާނަލިޒަމް އިން ސްކޯލާޝިޕް ލިބުމުގައި، ސާކް މަދަންޖީން ސިންގެ ރާއްޖޭގެ ފޯކަލް ޕޮއިންޓް އިބްރާހީމް ހުސައިން ޒަކީގެ ދައުރު ބޮޑެވެ.