ޑރ. ހުސައިން ހަލީމް (ކުޑަހުސެން)ގެ 27 އަހަރުވީ މެރަތަން ރެކޯޑަށް އަހްމަދު ޝަރަފް ނިމުމެއް ގެނެސްފިއެވެ.

ސާފް ގޭމްސް 1989ގައި ކުޑަހުސެން ހެދި ރެކޯޑް ޝަރަފް މުގުރާލާފައިވަނީ މޮރޮކޯގައި ކުރިއަށްދިޔަ ރަބާތު އިންޓަނޭޝަނަލް މެރަތަންގައި ދުވެގެންނެވެ.

މެރަތަންގެ ގައުމީ ރެކޯޑް ޝަރަފް މުގުރާލީ ދެ ގަޑިއިރާ 43 މިނެޓާއި 13 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުޑަހުސެންގެ ސާފް ގޭމްސްގައި ދުވުން ފުރިހަމަކުރި ވަގުތަށްވުރެ ދެ މިނެޓާ 13 ސުކުންތު އަވަސް ވަގުތެކެވެ. ކުޑަހުސެން ދުވުން ފުރިހަމަކޮށްފައިވަނީ ދެ ގަޑިއިރާ 45 މިނެޓުންނެވެ.

މެރަތަން ރެކޯޑު މުގުރާލުމަކީ ޝަރަފް ކުރިން އުންމީދު ކުރަމުންދިޔަ އެއް ކަންތަކެވެ. ކުރިން އޭނާ ވަނީ ކުޑަހުސެން އެރެކޯޑު މުގުރާލުމާ ގާތަށް ވެސް ޖެހިލައިފައެވެ. އެ ފަހަރު އޭނާއަށް އެ ރެކޯޑު މުގުރާނުލެވުނީ ކުޑަހުސެންގެ ރެކޯޑަށްވުރެ ދެ މިނެޓް ލަހުން ރޭސް ނިންމުމުންނެވެ.

ޝަރަފް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ގައުމީ ހާފް މެރަތަންގެ ރެކޯޑު ވެސް މުގުރާލައިފައެވެ. ކުރިން އަހްމަދު ރިޒާ ދަމަހައްޓަމުންދިޔަ ހާފް މެރަތަން ރެކޯޑު ޝަރަފް މުގުރާލާފައިވަނީ މޮރޮކޯގައި ބޭއްވި ނަޑޯ މެރަތަންގައި ދުވެ، އެއް ގަޑިއިރާއި 16.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިދިޔަ އަހަރުން ޝަރަފް ދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން ފުރުސަތެއްގައި އިތިއޯޕިއާގައި ތަމްރީންތައް ފުރިހަމަކުރަމުންނެވެ.