މެންޗެސްޓާ ސިޓީގެ ކްލައުޑިއޯ ބްރާވޯއަކީ ދުނިޔޭގެ އެންމެ މޮޅެތި ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެއް ކަމަށާއި ސަޕޯޓަރުންގެ އެހީ އޭނާއަށް ބޭނުންވާ ކަމަށް އެކްލަބުގެ އާޖެންޓީނާ ޑިފެންޑަރު ޕަބްލޯ ޒަބަލޭޓާ ބުނެފިއެވެ.

ބާސެލޯނާއިން ސިޓީއަށް އުމުރުން 33 އަހަރުގެ ކީޕަރު ބްރާވޯ ސޮއިކޮށްފައިވަނީ 17 މިލިއަން ޕައުންޑްގެ އަގަކަށް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. ނަމަވެސް ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގު މެޗުތަކެއްގައި ބްރާވޯގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުމުގެ ސަބަބުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ވިލީ ކަބެލެރޯއަށް އެޓީމުގެ ގޯލު ހަވާލުކޮށްފައެވެ.

މިދިޔަ ބުދަ ދުވަހު އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ސިޓީ ކުޅުނު ރީޕްލޭ މެޗުގައި އެޓީމުގެ ގޯލް ބަލަހައްޓާފައިވަނީ ބްރާވޯއެވެ. އެ މެޗުގައި އޭނާ ކުރި ކޮންމެ ސޭވްއަކަށްފަހު، ސަޕޯޓަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

"ބްރާވޯއަކީ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެއް. އޭނާ ވަނީ ބާސާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައި. އަދި ޗިލީއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކުރި. އެކަމަކު ލަ ލީގާއިން ޕްރިމިއާ ލީގަށް ބަދަލުވުމަކީ ފަސޭހަކަމެއް ނޫން. ޖެހޭނީ ކެތްތެރިވާން. އަހަރެމެން އެބަޖެހޭ އޭނާއަށް އިތުބާރުކުރަން. ބްރާވޯއަކީ އަހަރެމެންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. އޭނާއަށް ސިޓީގެ ސަޕޯޓަރުން ވަރުގަދަ ތަރުހީބެއް ދޭނެ ކަމަށް އުންމީދުކުރަން،" ޒަބަލޭޓާ ބުންޏެވެ.

ޒަބަލޭޓާ ބުނީ، ކުޅުންތެރީން އެހީއަށް ބޭނުންވާވަގުތު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެހެން ލީގަކަށް ބަދަލުވެ އެކަމަށް ހޭނުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

މިވަގުތު ސިޓީ އޮތީ ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. ތިންވަނައިގައި އޮތް ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައި އޮތުމުން މިރޭ ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެ ނުވަތަ އެއްވަރުވިޔަސް ތިންވަނައަށް އެރޭނެއެވެ. ރަށުން ބޭރުގައި ސަންޑަލޭންޑާ ދެކޮޅަށް ސިޓީ ނުކުންނާނީ ރާއްޖޭގަޑިން މިރޭ 9:00ގައެވެ.