އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ބޯންމައުތު އަތުން އެއްވަރުވުމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ބުނެފިއެވެ.

ޕްރިމިއާ ލީގުގައި އިއްޔެ ބޯންމައުތާއި ޔުނައިޓެޑް ކުޅުނު މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގައި ބޯންމައުތުގެ އެންޑްރޫ ސާމަންއަށް ރަތް ކާޑު ދެއްކުމުން އޭގެ ފައިދާ ޔުނައިޓެޑަށް ނެގިފައިނުވާއިރު، މެޗުގެ ފަހުކޮޅު އެޓީމަށް ލިބުނު ޕެނަލްޓީ އިބްރަހިމޮވިޗް އަތުން ވަނީ ނާކާމިޔާބުވެފައެވެ.

އެ މެޗުގައި ޓައިރޯން މިންގްސްގެ ބޮލުގައި އުޅަނބޮށިން ޖެހި ހާދިސާގައި އިބްރަހިމޮވިޗް ރަތް ކާޑަކުން ސަލާމަތްވިއިރު، ބޯންމައުތުގެ ސާމަންއަށް ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިޔާ ތެރޭ އިބްރަހިމޮވިޗް ވެއްޓިފައި އޮއްވާ، އޭނާގެ ބޮލަށް ސާމަން ފައިން އެރުމުންނެވެ.

"ދަނޑުމަތީގައި ހިނގާ ކަންކަމަކީ ދަނޑުމަތިން ނިންމަން ޖެހޭ ކަންކަން. އުޅަނބޮށިން އަހަރެން ގަސްތުގައި ޖެހީކީ ނޫން. މެޗު ދިޔައީ ވަރަށް ވަރުގަދަކޮށް. އަހަރެން އެއްވެސް މީހަކު ގޯހެއް ހެދީއެކޭ ނުބުނާނަން. އެއްވަރުވުމުން އޭގެ ފުރިހަމަ ޒިންމާ އަހަރެން ނަގަން. އަހަރެންނަށް ލަނޑެއް ނުޖެހުނު އަދި އަހަރެމެންނަށް މޮޅެއް ނުހޯދުނު،"އެމްޔޫޓީވީއަށް ދިން އިންޓަވިއުއެއްގައި އިބްރަހިމޮވިޗް ބުންޏެވެ.

އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ބުނީ، މެޗުގައި އޭނާއަށް ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތުތަކެއް ލިބުނު ކަމަށާއި އެޓީމަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ އޭނާ އަތުން ކަމަށެވެ. އަދި އެކަމުން އަރައިގަންނަން ތައްޔާރަށް ހުރި ކަމަށް ވެސް އިބްރަހިމޮވިޗް ބުންޏެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ޔުނައިޓެޑުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެލަނޑު ކާމިޔާބުކޮށްދިނީ މާކޮސް ރޯހޯއެވެ. ޔުނައިޓެޑުން ލީޑު ނަގާފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ބޯންމައުތަށް ނަތީޖާ ހަމަހަމަކޮށްދިނީ ހޯޝުއާ ކިންގްއެވެ.

އެ މެޗުން އެއްވަރުވުމުން ހަ ވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ގަދަ ހަތަރަކާ ކައިރިކޮށްލުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީއަށްވުރެ ޔުނައިޓެޑް ވަނީ އިތުރަށް އެއް މެޗު ކުޅެފައެވެ. އިއްޔެގެ މެޗުން ޔުނައިޓެޑް މޮޅުވިނަމަ، ފަސްވަނައިގައި އޮތް އާސެނަލްގެ ކުރިއަށް ވެސް ޖެހިލެވުނީހެވެ. އާސެނަލާއި ޔުނައިޓެޑާ ދެމެދު އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ.