05 Mar 2017, 12:26
ތ. އަތޮޅު ފުނައްޑޫ ފަރުމައްޗަށް އަރާފައިވާ ހިލަ ބާޖާއި ޓަގު ފުންކުރުމަށް މާލެއިން އިތުރު ޓަގެއް ގެންގޮސްގެން މަސަތްކަތް ފަށައިފި އެވެ.
ތިމަރަފުށީ އެއާޕޯޓްގެ ހިއްކި ސަރައްހަދު ހިމާޔަތްކުރުމަށް ބޮޑު ހިލަ ހިފައިގެން ދިޔަ ހިލަ ބާޖާއި ޓަގު ފަރަށް އަރާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ހަވީރު އެވެ.
'ސަން' އާ ވާހަކަ ދައްކަމުން ހިލަ ބަޖާއި ޓަގު ފުންކުރުމުގެ މަސަތްކަތުގައި ހަރަކާތްތެރިވަމުންދާ މީހަކު ބުނީ ބާޖު ފުން ކުރެވެން އޮތީ ޓަގު ފުންކުރުމަށް ފަހު ކަފު ޖަހައިގެން ކަމަށާއި ނަމަވެސް ޓަގު ވަރަށް ބޮޑަށް ފަރުމައްޗަށް އެރުމުގެ ސަބަބުން މަސަތްކަތް ހުއްޓިފައިވާ ކަމަށެވެ.
"ބާޖަށް ވުރެން ބޮޑަށް ޓަގު އޮތީ ފަރަށް އަރާފައި. ބޮޮޑު ދިޔާގައި ބާޖު އޮންނަނީ ދެކޮޅަށް ހެލިލަ ހެލިލާ. ލަފާކުރެވޭ ގޮތުގައި ބާޖުގައި ވަލެއް ޖަހައި ދަމާލެވޭނެ. އެކަމަށް އިއްޔެ ވަނީ އިތުރު ޓަގެއް މިސަރަހައްދަށް ގެނައިސްފައި،" ބާޖާއި ޓަގު ފުންކުރުމުގައި ހަރަކާތްތެެރިވާ ފަރާތަކުން ކިޔައިދިނެ އެވެ.
މިއަދު ހެނދުނުގެ ދިޔަވަރު ހިކިފައިއޮތްއިރު ހިލަ ބާޖު ފަރުމަތީގައި --- ސަން ފޮޓޯ: ކިޔުންތެރިއެއް
އޭނާ ބުނީ މިވަގުތު އޮތީ ހިކި ދިޔަ ކަމަށާއި މިހާރު މަސަތްކަތް ކުރަމުންދަނީ ދިޔަ ބޮޑު ވުމުގެ ކުރިން ބާޖުގައި ވަލެއް ޖެހުމަށް ކަމަށެވެ. ދިޔަވަރު އެންމެ ބޮޑު ވާނެ ކަމަށް ބެލެވެނީ ހަވީރު އެވެ.
ފަރަށް ލިބިފައިވާ ގެއްލުން އެންވައިރުމެންޓް ޕްރޮޓެކްސަން އެޖެންސީ(އީޕީއޭ) އިން އަންނަނީ ބަލަމުންނެވެ. އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ހިލަ ބާޖާއި ޓަގަކީ އިންޑިއާގެ އެމްއެމް އެކްސްޕޯޓަށް ނިސްބަތްވާ ދެ އުޅަދު ކަމަށާއި ފަރަށް ލިބިފައިވާ ގެއްލުން މުޅިން ކަށަވަރު ކުރެވޭނީ ފުންކުރުމުގެ މަސަތްކަތް ނިމުމުން ކަމަށެވެ.
އެ ދެ އުޅަދު ފަރަށް އަރާފައިވާ ފުނައްޑޫގެ ފުއްޓަރު ފަރާތަކީ ފަރު މަސްވެރިކަމަށް ވަރަށް ރަނގަޅު ސަރަހައްދެކެވެ. ނަމަވެސް ދެ އަޅަދު ފަރަށްއަރައި ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު މަސަވެރިކަން ވެސް ވަރަށް ބޮޑަށް ދައްވެފައިވާ ކަމަށް ކައިރި ރަށްރަށުގެ މީހުން ބުނެ އެވެ.