05 Mar 2017, 12:48
ސޯލް (މާޗް 5): އުތުރު ކޮރެއާ ދޫކޮށް ދެކުނު ކޮރެއާއަށް ފިލައިގެންދާ މީހުންގެ ތެރެއިން އުތުރު ކޮރެއާގެ ސަރުކާރާ ބެހޭ ސިއްރު މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ދެކުނު ކޮރެއާގެ ސަރުކާރުން ދޭ އިނާޔަތް ހަތަރު ގުނައަށް އިތުރުކޮށްފި އެވެ.
ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވޭ ފަދަ މައުލޫމާތާ އެކު އުތުރު ކޮރެއާއިން ފިލައިގެން އެގައުމަށް ދާ މީހުންނަށް 860،000 ޑޮލަރުގެ އިނާޔަތެއް ދޭނެ އެވެ. އަދި އުތުރު ކޮރެއާގެ ހަތިޔާރު ފޯރުކޮށްދޭ ފަރާތްތަކަށް އިތުރު އިނާޔަތްތައް ހަމަޖައްސާފައިވެ އެވެ.
އެގޮތުން ބަޑި ފަދަ ހަތިޔާރުން ފެށިގެން މަތިންދާ ބޯޓާއި ޓޭންކު ފަދަ ހަތިޔާރު ގެންގޮސްދޭ ފަރާތްތަކަށް ދޭ އިނާޔަތްތައް ހަމަޖައްސާނީ އޭގެ މުހިއްމު ކަމަށް ބެލުމަށް ފަހު ދެކުނު ކޮރެއާގެ ނޫސް އޭޖެންސީތަކުން ބުނެ އެވެ.
އެއީ ފާއިތުވި 20 އަހަރުތެރޭ ދެކުނު ކޮރެއާއިން އެފަދަ ފަރާތްތަކަށްދޭ އިނާޔަތްތައް އިތުރު ކުރި ފުރަތަމަ ފަހަރެވެ.
އެފިޔަވަޅާ ބެހޭ ގޮތުން އުތުރު ކޮރެއާއިން އަދި ވަކިއެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)