މިއަހަރަށް ފަހު އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރަތައް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ މުބާރާތް އަތޮޅު ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައިސަން ސްޕޯޓްސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލަތީފް ވިދާޅުވީ، މިއަންނަ އަހަރުގެ މުބަރާތަށް އެދެވޭ ރނަގަޅު ބަދަލުތަކެއް ގެނައުމަށް ވީއޭއެމް އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ 2018 ވަނަ އަހަރުގެ މުބާރާތް އަތޮޅު ތެރޭގައި ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އަތޮޅު ތެރެއިން މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު އަތޮޅު ތެރޭގައި މި މުބަރާތް ބޭއްވުމަކީ ވެސް މުހިއްމު ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިޔާލުކޮށްގެން މިހުރީ އިންޓަ ސްކޫލު މުބަރާތް 2018 ވަނަ އަހަރު އަތޮޅު ތެރޭގައި ބާއްވަން. މިއީ އަޅުގަނޑު ވާވައުދެއް ނޫން، ނަމަވެސް ހާލަތުތަންދިން މިންވަރަކުން އަތޮޅު ތެރޭގައި މި މުބާރާތް ބާއްވަން މަސައްކަތް ކުރާނަން،" ލަތީފް ވިދާޅުވިއެވެ.

ހަގީގަތަކީ ވޮލީގެ ދިރުން އޮތީ އަތޮޅުތެރޭގައި ކަމަށާއި އަތޮޅު ފެންވަރުގައި ސްކޫލު މުބާރާތެއް ބާއްވައި އެއަށްފަހު ހޮވާލެވޭ ޓީމުތަކެއް ގެނެސްގެން އިންޓަ ސްކޫލު މުބާރާތް ކުޅެވިއްޖެ ކަމުގައިވާނަމަ އަތޮޅު ތެރެއިން އަންނަ ސްކޫލުތަކުގެ ބެލެނިވެރިންގެ ޖީބަށް ވަރަށް ބޮޑަށް ލުއި ވެގެންދާނެ ކަމަށް ލަތީފް ވިދާޅުވިއެވެ.

އިންޓަ ސްކޫލް އަދި ކޮލެޖް ޔުނިވާސިޓީ ވޮލީބޯޅަ މުބާރާތުގައި ޖުމްލަ 44 ޓީމަކުން ވަނީ މި އަހަރުވެސް ބައިވެރިވެފައެވެ. މީގެ ތެރޭގައި އަތޮޅުތަކަށް ނިސްބަތްވާ ހަ ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. މިމުބަރާތުގައި ސްކޫލްތަކުން ޖުމްލަ 408 ކުޅުންތެރީން ވާދަކުރާނެއެވެ.