05 Mar 2017, 12:30
ބ.ގޮއިދޫ އަންހެނުން މޮޅީ ހަމައެކަނި މަސްވެރިކަމަށް އެކަންޏެއް ވެސް ނޫނެވެ. ހަމަ މިއީ ފިސާރި އަންހެން ބައެކެވެ. އެކަން މިފަހަރު ޔަގީން ކޮށްދިނީ މަގުކޮގެންނެވެ. އެވެސް ނާޓާއި ތަށި ބޭނުންކޮށްގެންނެވެ.
ގޮއިދޫ ސުކޫލަށް ފަންޑު ރައިޒްކުރަން އިއްޔެ ހިންގި ހަރަކާތުގައި ކުރިއަށްގެންގޮސްފައި ވަނީ މަގުކޮނުމެވެ. އެ ރަށުގައި ސޯލާޕެނަލް ހަރުކުރާ ސަރަހައްދުން ފެށިގެން އިންޖީނުގެއާ ހަމައަށް ކޭބަލް ގެންދިއުމުގެ 680 މީޓަރުގެ ދިގަށް މަގުކޮނުނު އިރު އެންމެ އިސްކޮށް ހަރަކާތްތެރިވީ އަންހެން ވެރިންނެވެ.

އެހަރަކާތުން 72000 ރުފިޔާ ލިބިފައިވާ އިރު ގޮއިދޫ ސުކޫލުގެ ޕުރިންސިޕަލް މުހައްމަދު ނިޒާމް ސަން އަށް ވިދާޅުވީ އެމަސައްކަތަށް ނުކުތް 300 މީހުންގެ ތެރެއިން 200 މީހުންނަނީ އަންހެނުން ކަމަށެވެ.
އެމަސައްކަތަށް ނުކުތް ގިނަ މީހުންނަށް އުދެލި ނުލިބުނެވެ. އެވަރުން އަދި ހިތްވަރު ދޫނުކޮށްލަ އެވެ. އަންހެންވެރިން ވަނީ ނާއްޓާއި ބަތްކާ ތަށި ބޭނުންކޮށްގެން ވަޅުކޮނެ ނިންމާލައިފަ އެވެ.

"ފިރިހެން ވެރިން އުދެލިން ފަސްގަނޑު ތެޅީމާ އަންހެނުން ތައްޓާއި ނާށިން ފަސް ނަގަނީ،" ނިޒާމް ވިދާޅުވި އެވެ.
އިއްޔެ ހެނދުނު 8:00 ޖެހިއިރު ފެށި އެ މަސައްކަތް ފިރިހެނުންނާއި ކަނބަލުންގެ މަސައްކަތުން ވަނީ 9:30ގައި ނިންމާލައިފަ އެވެ.
ނިޒާމް ވިދާޅުވީ ލިބުނު ފައިސާއިން އެސުކޫލް ޑިޖިޓަލް ކޮށް، ލައިބުރަރީ އަޕްގުރޭޑް، ކުރުމަށް ނިންމާފައިވާ ކަމަށެވެ.