އުތުރާއި މެދުތެރޭގެ އެކި ހިސާބަށް އިއްޔެ ކުރި ވިއްސާރާގައި ހދ. ކުޅުދުއްފުއްޓަށް މެދުނުކެނޑި ހަތަރު ގަޑިއިރު ވަންދެން ވާރޭވެހުމުގެ ސަބަބުން އެ ރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، އެ ރަށަށް ރޭ ގާތްގަނޑަކަށް 8:30 އެހާކަންހާއިރު ވެހެންފެށި ވާރޭ ހުއްޓާލީ އޭގެ ހަތަރު ވަރަކަށް ގަޑިއިރު ފަހުން ކަމަށެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށް ވެސް ފެންވަދެ ހިފާ ގެންގުޅޭ އެއްޗިއްސަށް ގެއްލުން ލިބިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. ނަމަވެސް ފެންބޮޑުވެފައި ވަނީ ރަށުގެ އެކި ހިސާބުތަކުގައި ކަމުން ފެންވަދެގެން ގެއްލުން ވެފައި ވަނީ ކިތައް ގެއަށް ކަމެއް ވިދާޅުވުމަށް ދަތިކަމަށް ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ރޭ ކުރި ވިއްސާރައިގާ ބައެއް ގޭގެއިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ކަރަންޓް ކެނޑުނު ކަމަށާއި އަދި ބައެއް ސަރަހައްދުތަކުގެ ނަރުދަމާގެ މައްސަލަތަކެއް ދިމާވެ ނަޖިސް ބޭރުވެފައިވާ ކަމަށެވެ.

ކުދުއްފުށީގައި ފެންބޮޑުވުމުގެ ސަބަބުން ސިފައިންނާއި ފުލުުހުންގެ އިތުރުން ރެޑް ކުރެސެންޓުން ގެންދަނީ ގެތަކުންނާއި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރުހިސާން ހަސަން ވިދާޅުވީ، ކުޅުދުއްފުށީގެ ތިން ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަ ކަމުގެ މައުލޫމާތެއް ކައުންސިލުން އެ ސެންޓަރާ ހިއްސާކޮށްފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދަނީ ---

އަދި އޭގެ ތެރެއިން ގެއެއްގެ މީހުން އެހެން ގެއަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށް ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އުތުރުގެ ބައެއް ރަށްތަކަށް ކުރި ވިއްސާރައިގާ އިތުރު ރަށްތަކެއްގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވޭތޯ އެ ސެންޓަރުން މިހާރު ބަލަމުންދާ ކަމަށެވެ.

މޯލްޑިވްސް މީޓުރޮލޮޖިކަލް ސާވިސްގެ ޑައިރެކްޓަރު މީޓުރޮލޮޖީ އަހުމަދު ރަޝީދު މިއަދު ވިދާޅުވީ، ހދ. ހަނިމާދޫ އިން ނެގުނު މައުލޫމާތުތައް ދައްކާގޮތުން ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އުތުރުގެ އަތޮޅުތަކަށް 76 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި އެއީ ވަރަށް ގިނަ އަދަދެއް ކަމަށެވެ. މީގެ ކުރިން 50 މިލިމީޓަރުގެ ވާރޭ ވެހިގެން ވެސް ބައެއް ރަށްރަށުގައި ފެންބޮޑުވާ ކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތް

  • ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއްރަށްތަކަށް ކެރީގެ އަސަރުފޯރާނެ، ގުގުރުންވެސް އެކަށިގެންވޭ

  • މެދުތެރޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ
  • އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި
  • އެހެން ހިސާބުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި
  • ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ.