ހއ. ފިއްލަދޫ ރަށު ކައުންސިލްގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ވިޖާންގެ އިތުބާރުނެތް ކަމަށް އެ ރަށު ކައުންސިލުން ފާސްކޮށްފައި ވަނީ ލޯކަލް ކައުންސިލް ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް އެ ރަށު ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފިއްލަދޫ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 121 ވަނަ މާއްދާ އާއި ގަވާއިދުގެ 33 ވަނަ މާއްދާގައި، ބައެއް ކަންކަމުގައި މުޅި ކައުންސިލްގެ މެޖޯރިޓީ އޮންނަން ޖެހޭނެ ކަން ފާހަގަކޮށްފައިވާތީ ވިޖާންގެ ވޯޓަކީ އޭނާއާ އެއްކޮޅު ވޯޓެއް ކަމަށް ބަލައި ދެ ފަރާތް ހަމަ ހަމަވީ ކަމަށް ބަލާފައިވާ ކަމަށެވެ.

"ވިޖާނު އަށް ގާނޫނާއި ގަވައިދު ބުނާ ގޮތުން [އެ ވޯޓްގައި] ބައިވެރިނުވެވޭތީ ކަމަށް ދައުވާ ކުރާ މުހައްމަދު ވިޖާނު އިއުތިރާފުވެފައިވާ ހިނދު، އިސްވެ ދެންނެވުނު ގާނޫނުގެ 121 ވަނަ މާއްދާ އާއި އަދި ގަވާއިދުގެ 39.9 އަދި 33 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މިބައްދަލުވުމުގެ ރިޔާސަތުން ވޯޓްދީފައިވާ ކަމަށް ޝަރީއަތުން ކަނޑައަޅާނެ ތަން ނެތްކަން ދެ ފަރާތަށް އަންގައި މައްސަލަ ނިންމީ،" ފިއްލަދޫ ކޯޓުގެ ހުކުމުގައިވެ އެވެ.

ވިޖާންއާ ދެކޮޅަށްލީ ވޯޓުގައި ވިޖާން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

މިއަދު ފިއްލަދޫ ކޯޓުން ނިންމި ނިންމުމާ ގުޅިގެން ވިޖާން ވިދާޅުވީ އެނިންމުން ނިންމެވި ގާޒީގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައްސަލަ ވީހާ އަވަހަކަށް ހައިކޯޓްގައި އިސްތިއުނާފް ކުރައްވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްގެ ގާނޫނުގެ 121 ވަނަ މާއްދާގައި ވަނީ ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ކައުންސިލްގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެމީހަކު އެ މަގާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ.

އަދި ލޯކަލް ކައުންސިލްގެ ހިންގާ ގަވާއިދުގެ ނުވަވަނަ މާއްދާގައި ވަނީ ކައުންސިލްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ކައުންސިލްގެ ރަސްމީ ބައްދަލުވުމެއްގައި، ކައުންސިލްގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ މެމްބަރަކު ވަގުތުން މަގާމުން ވަކިވާނެ ކަމަށެވެ.

"ގަވާއިދުގައި އެގޮތަށް އޮއްވައި މިގޮތަށް ހުކުމް ކުރެއްވުމުން އެ ގާޒީގޭ ފެންވަރާއި މެދު އަޅުގަނޑަށް ސުވާލު އުފެދޭ. އަޅުގަނޑު މި މަސައްކަތް ކުރަނީ ވީހާ އަވަހަކަށް އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކުރުމަށް،" ސަން އަށް މައުލޫމާތު ދެއްވަމުން ވިޖާން ވިދާޅުވި އެވެ.

ފިއްލަދޫ ރަށުކައުންސިލުން ވިޖާންގެ އިތުބާރު ނެތްކަމަށް ފާސްކުރީ އެ ރަށުގައި ބަކަރިތަކަކާ އެކު ބަޔަކު ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ މައްސަލައެއްގައި އެބަކަރިތަކުގެ ވެރިޔާއާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކަށް ވިޖާން މައުލޫމާތު ދެއްވުމާ ގުޅިގެން އޭނާ ފިއްލަދޫގެ ނަން ހަޑިކުރެއްވި ކަމަށް ބުނެ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ފިއްލަދޫ ކައުންސިލުން އެގޮތަށް ފާސްކުރުމާ ގުޅިގެން އެދުވަހުގެ ވޯޓްގައި ކައުންސިލްގެ ނައިބުރައީސަށް ބައިވެރި ވެވަޑައި ނުގެންނެވޭނެ ކަމަށާއި އެހެންވީމާ ފިއްލަދޫ ރަށުކައުންސިލްގެ އެނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއް ކަމަށް ވިދާޅުވެ، ވިޖާން ވަނީ އެމައްސަލަ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައަޅުއްވައިފަ އެވެ.