05 Mar 2017, 11:37
ދިވެހިރާއްޖޭގެ ގައުމީ އެއާލައިނު، މޯލްޑިވިއަން އިން އަވަށްޓެރި ސްރީ ލަންކާއަށް އުދުހުމުގެ ތައްޔާރީތައް ފަށައިފިއެވެ.
މޯލްޑިވިއަން އިން ލަންކާއަށް ދަތުރު ކުރުމުގެ ތައްޔާރީތައް ވާން ފަށާފައި މިވަނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ނިމަލް ސިރިޕާލަ ޑި ސިލްވާ އާ މިމަހުގެ ތިން ވަނަ ދުވަހު ކުރެއްވި ބައްދަލުވުމުގައި އެގައުމަށް މޯލްޑިއިަންގެ ދަތުރުތައް ފެށުމުގެ ހުއްދަ ލިބިފައިވާ ކަން ހާމަކުރެއްވުމާ އެކު އެވެ.
އެ މަޝްވަރާތަކުގައި މޯލްޑިވިއަންގެ ސީދާ ދަތުރުތައް ކޮލަމްބޯއަށް ފެށުމަށް ކުރަންޖެހޭ ކަންކަން ރާއްޖެ އާއި ލަންކާއިން ގުޅިގެން ނިންމާލުުމަށް ވެސްވަނީ ނިންމާފައިވެއެވެ.
މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ލަންކާއާއި ރާއްޖެއާ ދެމެދު މޯލްޑިވިއަންގެ ސީދާ ފްލައިޓްތައް ރަޓަމަލާނާ ކޮލަމްބޯ އެއާޕޯޓަށް ފެށި ދަތުރުތައް އިތުރު ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެއީ ދިވެހިންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކަށް ވެސް ވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ޒަމީރުގެ އަރިހުގައި، ރައްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރުގެ އިތުރުން، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙުސައިން ޖަލީލާއި، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްޙާރިސް ބައިވެރިވެވަޑައިގެންނެވި އެވެ.
މޯލްޑިވިއަން ގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ލަންކާ ދަތުރުތައް ފަށާނެ ތާރީޚެއް އަދި ފައިނަލް ނުވާ ކަމަށާއި، އެކަމާ ގުޅޭ މަޝްވަރާތައް ކުންފުނީގެ އެތެރޭގައި ކުރިއަށް ދާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ހަފްތާއެއްހާ ދުވަސްތެރޭ އެކަމާ ގުޅޭ އިތުރު މައުލޫމާތު މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަދި މިނިސްޓަރ ނިމަލް ސިރިޕާލަ ޑި ސިލްވާގެ އަރިހުގައި ސްރީލަންކާ ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް އެޗްއެމްސީ ނިމަލްސިރީ ބައިވެރިވެވަޑައިގެންނެވި އެވެ.