ބޮލީވުޑުގެ ޑައިރެކްޓަރު މަހޭޝް ބަޓް، ދެން ދުވަހަކު ވެސް ފިލްމެއް ޑައިރެކްޓު ނުކުރާނެ ކަމަށް އޭނާގެ ދަރިފުޅު އަދި ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ބަތަލާ، އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ އެހެން ބުނެފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ބަދްރީނާތު ކީ ދުލްހަނިޔާ' ގެ ޕްރޮމޯޝަން އިވެންޓެއްގައި ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުންނެވެ.

"އަހަރެންގެ ބައްޕަ ދެން ދުވަހަކު ވެސް ފިލްމެއް ޑައިރެކްޓު ނުކުރާނެ. ބައްޕަ ވަނީ އެކަން ވަރަށް ސާފުކޮށް ބުނެދީފައި. ބައްޕަ ބޭނުމެއް ނުވޭ މިހާރު ޑައިރެކްޓު ކުރާކަށް،" އާލިއާ ބުންޏެވެ.

މަހޭޝް ބަޓް އާއި އާއިލާގެ ޕްރޮޑަކްޝަން ހައުސް ވިޝޭޝް ފިލްމްސް އިން ފާއިތުވި އަހަރުތަކުގައި އުފެއްދި އެއްވެސް ފިލްމެއް ކާމިޔާބު ވެފަ އެއް ނުވެ އެވެ. ވިޝޭޝް ފިލްމްސް އިން އެންމެ ފަހުން ނެރުނު ކާމިޔާބު ފިލްމަކީ 2013 ވަނަ އަހަރު ރިލީޒް ކުރި 'އާޝިގީ 2' އެވެ.

އެއަށް ފަހު ރިލީޒް ކުރި 'ރާޒް ރީބޫޓް'، 'ލަވް ގޭމްސް'، 'ހަމާރީ އަދޫރީ ކަހާނީ'، 'މިސްޓަރ އެކްސް'، 'ޚާމޯޝިޔާން' އަދި 'ސިޓީ ލައިޓްސް' ވެސް ވަނީ ފްލޮޕް ވެފަ އެވެ.

މަހޭޝް ބަޓްގެ ޕްރޮޑަކްޝަން ހައުސް އަޑިގަނޑަކަށް ވެއްޓިފައި ވީނަމަވެސް، އާލިއާ އަންނަނީ ބޮޑެތި ކާމިޔާބީ ތަކެއް ހާސިލް ކުރަމުންނެވެ. އާލިއާ އަކީ މިވަގުތު ބޮލީވުޑުގައި ހުރި އެންމެ ހުނަރުވެރި އެއް ބަތަލާ އެވެ.

ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފަ ދަ އިޔަރ' އިން ފިލްމީ ކެރިއަރު ފެށި އާލިއާ މިހާތަނަށް އޭނާގެ ބައްޕަގެ އެއްވެސް ފިލްމެއްގައި މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އާލިއާ ބުނީ ވިޝޭޝް ފިލްމްސް އާއެކު އޭނާ މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް އެ ޕްރޮޑަކްޝަން ހައުސްގެ ފިލްމެއް ކުޅޭނީ އޭނާ އެގޮތް ބޭނުން ވުމުން ކަމަށެވެ.