05 Mar 2017, 12:25
މިދިޔަ މަހުގެ 22 ވަނަ ދުވަހު ސްރީލަންކާގެ ދެހިވަލައިން ދިވެހި ދަރިވަރުގެ ޚަބަރެއް އަދިވެސް ނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ސްރީލަންކާގެ ދެހިވަލަގެ އެމެރިކަން ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގައި ތައުލީމު ހާސިލުކުރަމުން އަންނަ، އުމުރުން 18 އަހަރުގެ މުހައްމަދު ޝައްމާޚެވެ.
ފޮރިން މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރު ހީނާ ވަލީދު "ސަން" އަށް ވިދާޅުވި ގޮތުގައި، މިހާތަނަށް ޝައްމާޚުގެ ޚަބަރެއް ވެފައެއް ނުވެއެވެ.
ޝައްމާޚް ގެއްލިގެން ހޯދަމުންދާކަން ފޮރިން މިނިސްޓްރީ އާއި އެހެނިހެން އިދާރާތަކުގެ ސަމާލުކަމަށް އައީ ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. އޭނާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ސްރީލަންކާގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ އިރު، ލަންކާ ފުލުހުންނާއި ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޝައްމާޚާ ގުޅޭ މައުލޫމާތު "ސަން"އާ ހިއްސާކުރުމަށް އޭނާގެ އާއިލާއިން މިދިޔަ ހަފްތާގައި ވަނީ ދެކޮޅު ހަދައިފައެވެ.
ނަމަވެސް އޭނާގެ އާއިލާއާ ހަވާލައިދީ، އެހެން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން، ފެބްރުއަރީ 21 ވަނަ ދުވަހުގެ ރޭ ޝައްމާޚު ގޭގައި އުޅުނެވެ. ނަމަވެސް 22 ވަނަ ދުވަހުގެ ހެނދުނުން ފަށައިގެން އޭނާ ގޭގައި ނޫޅޭ ކަމަށާއި، އޭނާގެ ޚަބަރެއް ނުވެގެން ހޯދަން ފެށީ އޭގެ ފަހުންނެވެ.