ވޮޝިންޓަން (މާޗް 5): ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ ޓްރަމްޕްގެ ފޯނުކޯލުތައް އަޑު އަހަން އަމުރު ކުރައްވާފައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ޓްރަމްޕް ކުރެއްވި ޓުވީޓުތަކެއްގައި އޭނާ ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް އޮބާމާ ވަނީ ޓްރަމްޕް ޓަވަރުގެ ފޯނުތައް ޓެޕް ކުރަން އަމުރު ކުރައްވާފައި ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެއީ ގާނޫނީ ގޮތުން ހުއްދަ ކަމެއްތޯ ސުވާލު އުފައްދަވައި، އެއީ ވަކީލަކު ބައްލަވަން ރަނގަޅު މައްސަލައެއް ކަމަށް ވިދާޅުވެފަ އެވެ.

އެތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ޓްރަމްޕް ނުދެއްވަ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ ކަނާތު ފިޔައިގެ ހިޔާލު ގެންގުޅޭ ރޭޑިއޯ ހޯސްޓެއް ކަމަށްވާ މާކް ލެވިން ކުރި ތުހުމަތުތަކާ ގުޅިގެންނެވެ. ޓްރަމްޕްގެ ޗީފް ސްޓްރެޓީޖިސްޓް ސްޓީވް ބެނަންގެ ޗެއާމަންކަމުގެ ދަށުން މީގެ ކުރިން ހިންގި ބްރެއިޓްބާޓް ނޫހުގައި، ލެވިންއާ ހަވާލާދީ ލިޔެފައިވާ ގޮތުން އޮބާމާގެ ސަރުކާރުން ވަނީ ޓްރަމްޕް ކެމްޕެއިންގެ ފޯނު ކޯލުތައް އަޑުއަހައިފަ އެވެ.

ނަމަވެސް އޮބާމާގެ ތަރުޖަމާނު ކެވިން ލިއުވިސް ވަނީ "އެމެރިކާގެ އެއްވެސް ރައްޔިތަކަށް ޖާސޫސް ކުރުމަށް ރައީސް އޮބާމާ ވެސް އަދި ވައިޓް ހައުސްގެ އެހެން އޮފިޝަލަކު ވެސް އަމުރު ނުކުރައްވާ" ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅުންނާއި ރަޝިއާއާ އޮތް ގާތްގުޅުންތަކާ ބެހޭ ގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އެފްބީއައި އިން ދަނީ ތަހުގީގުތައް ކުރިއަށް ގެންދަމުންނެވެ. ބައެއް ޑިމޮކްރެޓުން ވިދާޅުވާ ގޮތުގައި އޮބާމާއާ ދެކޮޅަށް ޓްރަމަޕް އެތުހުމަތުތައް ކުރައްވަނީ އެތަހުގީގުތަކަށް މީހުންދޭ ސަމާލުކަން ކުޑަ ކުރުމަށްޓަކަ އެވެ. (ބީބީސީ)