30 Jun 2011, 14:00
އަދަޔާ ހިލާފަށް ޑެންގީ ހުން ފެތުރެމުންދާތީ މަދިރި ކޮންޓްރޯލްކުރުމުގެ ގޮތުން ކުރުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމްގެ ދަށުން މާލެ އަށް ފޮގް ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި މަދިރި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭ ގޮތުން ސަރުކާރުން އެކުލަވާލި ކޮމިޓީގެ މެންބަރު ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ ޑެންގީ ހުން އިތުރުވަމުން ދިއުމާ ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ފެށުމަށް ހަމަޖައްސާފައިވާ ޙާއްސަ ޕްރޮގްރާމުގެ ދަށުން އިއްޔެ އިރުއޮއްސުނުއިރު މާލޭގެ ބައެއް ސަރަހައްދުތަކަށް ފޮގްކޮށްފައިވާނެ ކަމަށާއި މިއަދު މުޅި މާލެ އެއްކޮށް ކަހަލަ ގޮތަކަށް ފޮގް ކޮށްފައިވާ ކަމަށެ.
އޭނާ ވިދާޅުވީ ޑެންގޫ ހުން މުޅިން ކޮންޓްރޯލް ވަންދެން މާލޭގައި ސްޕްރޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ މިމައްސަލަ ސަރުކާރުގެ ސަމާލު ކަމަށް އައުމާ އެކު އެކަމަކީ ޤައުމީ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށާއި މަދިރި ނައްތާލުމާ ބެހޭ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ހަމައެކަނި މާލޭގައި ފޮގް ކުރުމުގެ މަސައްކަތް ކުރުން ނޫން ކަމަށެވެ.
"މިޕްރޮގްރާމްގެ ދަށުން ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ ރަނގަޅު ކުރުމާއި އެވެއާނަސް ކެމްޕޭނެއް ބޭއްވޭނެ. ރާއްޖެ ތެރޭގައި މިކަން އެންމެ ބޮޑަށް އޮތީ އެހެންމެ ރާއްޖެ ތެރޭގައި އެކަންތައްތައް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ،" އާދަމް މަނިކު ވިދާޅުވި އެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރުމުގެ ޤައުމީ ހަފްތާއެއް ފާހަގަކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުން އެކުލަވާލި ކޮމިޓީގައި ހިމެނެނީ މާލޭ ސިޓީ ކައުންސިލާއި ފުލުހުންނާއި ސިފައިންނާއި ހެލްތު މިނިސްޓްރީ އަދި ކަސްޓަމްސް އެވެ.
މިދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ޑެންގޫ ހުން ދަނީ ފެތުރެމުންނެވެ. ޑެންގޫ ހުންޖެހިގެން 48 ގަޑި އިރުގެ ތެރޭގައި ހަތަރު ކުދިން މަރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް ޑެންގޫ ޖެހިގެން ހަ ކުއްޖަކު ވަނީ މަރުވެފަ އެވެ.
މިހާރު އެބަލި ޖެހޭ މިންވަރު ޕީކަށް އަރާފަައިވާ ކަމަށް ސެންޓާ ފޯ ހެލްތު އެންޑް ޑިސީޒް ކޮންޓްރޯލް އިން ވަނީ ބުނެފަ އެވެ. މިއީ 2006 ވަނަ އަހަރުގެ ފަހުން ޑެންގީ ޖެހޭ މިންވަރު އިތުރުވެގެން ދިޔަ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ޖޫން މަހުގެ 18ގެ ނިޔަކަށް މުޅި ރާއްޖެ އިން 1289 މީހެއްގެ ގައިން ޑެންގީ ހުން ފެނިފައިވާ އިރު މިދިޔަ އަހަރުގެ ނިޔަލަށް އެބަލި ފެނިފައި ވަނީ 401 މީހުންގެ ގައިންނެވެ.