ޖެނީވާ (މާޗް 5) : ދުނިޔޭގައި ފުރިހަމައަށް ޑިމޮކްރަސީގެ ނިޒާމު ތަންފީޒު ކުރަމުން ގެންދަނީ އެންމެ ދިހަ ގައުމުގައިކަން ކަމާބެހޭ ސާވޭ ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ތަކެއް ގުޅިގެން 2016 ވަނަ އަހަރު ދުނިޔޭގައި ކުރި ފުޅާދާއިރާއެއްގެ ސާވޭއަކުން ހާމަވާގޮތުގައި ދުނިޔޭގެ އާބާދީގެ ތެރެއިން ޑިމޮކްރަސީގެ ފޮނިމީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދަނީ އެންމެ 4.5 ޕަސެންޓް މީހުންނަށެވެ.

މި ސާވޭގެ އަލީގައި ހަދާފައިވާ ޑިމޮކްރަސީގެ އިންޑިކޭޓާ ނުވަތަ އިންޑެކްސް އަށް ބަލާއިރު އެންމެ މައްޗަށް މާކްސް ލިބިގެން ޑިމޮކްރަސީގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރަމުން ގެންދާކަމަށް ފާހަގަކޮށްފައިވާ 10 ގައުމަކީ ނޯވޭ، އައިސްލެންޑް، ސްވިޑްން، ނިއުޒިލޭންޑް، ޑެންމާކު، ކެނެޑާ، އަޔަރލޭންޑް، ސްވިސްޓްޒަލޭންޑް، ފިންލެންޑް، އަދި އޮސްޓްރޭލިޔާއެވެ.

މިލިސްޓުގައި، ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާކޮށް އެހެން ގައުމުތަކަށް ޑިމޮކްރަސީގެ ފިލާވަޅުތައް ދެމުންގެންދާ އެމެރިކާ ނުހިމެނެއެވެ. އަދި އެމެރިކާ ގޮތަށް އެހެން ގައުމުތަކަށް ޑިމޮކްރަސީގެ ފިލާވަޅުތައް ދީ ޑިމޮކްރަސީގެ ނަމުގައި އެހެން ގައުމުތަކުގައި ހަމަނުޖެހުން އުފައްދައި ވެރިކަމުގެ ނިޒާމު ވައްޓާލުމުގެ މަސައްކަތް ކުރަމުންގެންދާ އިނގިރޭސިވިލާތް ވެސް ނުހިމެނެއެވެ. އެ ދެގައުމު ހިމެނެނީ ފުރިހަމައަށް ޑިމޮކްރަސީ ތަންފީޒު ނުކުރާ ގައުމުތަކުގެ ލިސްޓުގައެވެ.

އެ ސާވޭ އަށް ބަލާއިރު ދުނިޔޭގައި ގިނައީ ދެބައިކުޅަ އެއްބައި ޑިމޮކްރަސީ ތަކެވެ. ނުވަތަ ފުރިހަމައަށް ޑިމޮކްރަސީ ތަންފީޒު ނުކުރާ ގައުމުތަކެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނެނީ މިލިސްޓުގަ އެވެ. އޭޝިޔާއާއި އިރުމަތީ ޔޫރަޕާއި ލެޓިން އެމެރިކާގެ ގިނަ ގައުމުތައް ހިމެނެނީ ފުރިހަމައަށް ޑިމޮކްރަސީ ތަންފީޒު ނުކުރާ ގައުމުތަކުގެ ލިސްޓުގައެވެ.

މި ރިޕޯޓްގައިވާ ގޮތުން އެއްވެސް ވަރަކަށް ޑިމޮކްރަސީ ނެތް ގައުމުތައް (ޑިކްޓޭޓާޝިޕްތައް) ގިނައީ އެފްރިކާ ބައްރުގައާއި އަރަބި ދުނިޔޭގައެވެ. މި ގައުމުތަކުގައި ދުނިޔޭގެ އާބާދީގެ ތެރެއިން 32.7 އިންސައްތަ މީހުން ދިރިއުޅޭކަމަށްވެ އެވެ. މި ރިޕޯޓް ބުނާގޮތުން ދުނިޔޭގައި ތަޅާފޮޅުމާއި އަރާރުންތަކާއި މުޒާހަރާތަކާއި ދެކޮޅުވެރިވުންތައް އެންމެ މަދީ ޑިމޮކްރަސީގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރަމުން ގެންދާ މިދެންނެވި 10 ގައުމުގައެވެ. އިންސާނީ ހައްގުތައް ވެސް އެންމެ ބޮޑަށް ރައްކާތެރިކޮށް ހިމާޔަތްކޮށްފައި ވަނީ މި 10 ގައުމުގައެވެ. އަދި ކޮރަޕްޝަން ވެސް އެންމެ މަދީ މިގައުމުތަކުގައެވެ. މީގެ އިތުރުން ރައްޔިތުން އެންމެ އުފާފާގަތިކަމާއި އަރާމުގައި އުޅެމުންދަނީ ވެސް މިދެންނެވި 10 ގައުމު ގައެވެ. (ނޫސްއެޖެންސީތައް)