05 Mar 2017, 09:36
ކުއަލަލަމްޕޫރު (މާޗް 5): މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ ސަފީރު އަނބުރާ ގައުމަށް ވަޑައިގަތުމަށް މެލޭޝިއާގެ ފޮރިން މިނިސްޓްރީން އަމުރުކޮށްފި އެވެ.
ސަފީރު ކަންގް ޗޮލް މެލޭޝިއާ ދޫކޮށް ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ފޮރިން މިނިސްޓްރީން ދިނީ ކިމް ޖޮންގް އުންގެ ބޭބެ ކިމް ޖޮންގް ނަމްގެ މަރުގެ މައްސަލައިގައި މެލޭޝިއާއިން ކުރިއަށް ގެންދާ ތަހުގީގަށް ޗޮލް ތަކުރާރުކޮށް ފާޑުވިދާޅުވި ފަހުންނެވެ.
މެލޭޝިއާގެ ތަހުގީގު ވަނީ ސިޔާސީކޮށްފައި ކަމަށާއި އަދި ބޭރުގެ ފަރާތްތަކުން އެތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށް ޗޮލް ވިދާޅުވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަނިފާ އަމާން ވަނީ ޗޮލް މައާފަށް އެދިވަޑައިގަތުމަށް ގޮވާލާފަ އެވެ. ނަމަވެސް ޗޮލް އެފަދައިން އަމަލު ނުކުރައްވާ ކަމަށާއި އިއްޔެ ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމަކަށް ވެސް އޭނާ ހާޒިރު ނުވާ ކަމަށް މިނިސްޓަރު އަމާން ވިދާޅުވި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކިމް ޖޮންގް ނަމް އަވަހާރަކޮށްލުމާ ގުޅިގެން މެލޭޝިއާއިން ވަނީ ތިން މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ދެ އަންހެނެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފަ އެވެ. އަދި ތިން ވަނަ މީހާ ކަމަށްވާ ރީ ޖޮންގް ޗޮލްގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އޭނާ ޑީޕޯޓުކޮށްލާފަ އެވެ.
އިއްޔެ ޗައިނާގައި ހުރެ ވާހަކަ ދައްކަމުން އުތުރު ކޮރެއާގެ ރައްޔިތެއް ކަމަށްވާ ޗޮލް ބުނި ގޮތުގައި މެލޭޝިއާއިން އޭނާ ހައްޔަރު ކުރީ އުތުރު ކޮރެއާގެ އަގު ވައްޓާލުމަށް ޓަކައި އެގައުމުގެ ސަރުކާރުން ރޭވި ރޭވުމެއްގެ ދަށުންނެވެ. (ބީބީސީ)