05 Mar 2017, 12:10
މި މަހުގެ 23 ވަަނަ ދުވަހު އަޅުވާން ހަމަޖެހިފައި ދިވެހި ފިލްމު "އިލް ނޮއިސް"ގެ އަމާޒަކީ އެ ފިލްމު ބޭރުގެ ގައުމުތަކުގައި ވެސް އަޅުވައި ކާމިޔާބީ ހޯދުން ކަމަށް ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު މުންތަސިރު (މުންކޮ) ބުނެފިއެވެ.
ތިއޭޓަ މިރާޖާއި އޯކޭޒް އިންކް ގުޅިގެން ގެނެސްދޭ އެ ފިލްމަކީ ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މީހަކަށް ފަރުވާދޭ މައިކްރޮ-ބައިލޮޖިސްޓަކު ކުރާ މަސައްކަތްތަކުގެ ވާހަކަތައް ދައްކުވައިދޭނެ ފިލްމެކެވެ.
މީގެ ކުރިން ސްޓޭޖް ޑްރާމާއެއްގެ ގޮތުގައި ދައްކާފައިވާ "އިލް ނޮއިސް" ފިލްމެއްގެ ގޮތުގައި ގެންނަން ކުރިން ވިސްނާފައި ނުވިނަމަވެސް، މުންކޮ ބުނީ، މިދިޔަ އަހަރުގެ ވަކި ހިސާބަކުން ބެލުންތެރީންނަށް ފިލްމެއްގެ ގޮތުގައި "އިލް ނޮއިސް" ދައްކަން ބޭނުންވީ ކަމަށެވެ.
"އަސްލު މީކީ ބަލި އެނދުގައި އޮންނަ ބޮޑު ބައްޔެއް ޖެހިފައިވާ މީހަކަށް، އޭނާގެ ބަލިން ސަލަމަތްކުރަން މީހަކު ކުރާ މަަސައްކަތް ތަކެއް ދައްކުވައިދޭ ފިލްމެއް. އެ މަަސައްކަތް ކުރަމުންދާއިރު އޭނާގެ އާއިލާއާއި އެހެނިހެން ބައެއް ގުޅުންތަކުގެ އޭނަގެ ލައިފް ޝޯޓް ކުރަމުންދާ ގޮތް މި ދައްކުވައިދެނީ،" ފިލްމުގައި ވާގޮތް ކުރުގޮތަކަށް މުންކޮ ބުނެދިނެވެ.
ސަން އަށް ދިން އިންޓަވިއުއެއްގައި މުންކޮ ބުނީ، ފިލްމު މިމަހު އަޅުވަން ހަމަޖެހިފައިވާއިރު ފިލްމުގެ ޓިކެޓް މާދަމާ ޝްވެކް ސިނަމާގައި ވިއްކަން ފަށާނެ ކަމަށެވެ. ފިލްމު ދައްކާނެ ވަކި މުއްދަތެއް ބުނަން ނޭނގޭ ކަމަށާއި ފިލްމަށް ބެލުންތެރިންގެ ތަރުހީބު ލިބޭ ވަރަކުން ޝޯތައް އިތުރަށް ދައްކާނެ ކަމަށް މުންކޮ ބުންޏެވެ.
އެ ފިލްމު ރިލީޒް ކުރުމާއެކު ބޭރުގެ ހަތަރު ގައުމެއްގައިވެސް އަޅުވަން މުންކޮ ވަނީ ނިންމާފައެވެ. ނަމަވެސް އަތޮޅުތެރޭ ފިލްމު ދެއްކުމުގެ ހިޔާލު އަދި ނުގެންގުޅޭ ކަމަށް އޭނާ ބުންޏެވެ.
"ފިލްމު ދައްކާނީ އަވަށްޓެރި ލަންކާ، ބަނގުލަދޭޝް، ނޭޕާލް އަދި ބޫޓާން ގަ. އަތޮޅު ތެރެއަށް މިވަގުތު ނެތް ގެންދެވޭކަށް. އެއީ އަތޮޅުތަކުގަ އަސްލު ފިލްމު ދެއްކޭނެ ރަނގަޅު ފެސިލިޓީ ތަކެއް ގާއިމުވެފައެއް ނެތް،" މުންކޮ ބުންޏެވެ.
އިލް ނޮއިސް އާ ބެހޭ ގޮތުން މުންކޮ 'ސަން' އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ އިޙްތިޝާމް މުޙައްމަދު
އަހުމަދު މައުރޫފް ޖަމީލް (އަންދު)ގެ ސްކްރީންޕްލޭ އަކަށް އިސްމާއީލް ނިހާދު ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުގަައި ފެނިގެންދާނެ މައި ތަރިން ނަކީ އަހުމަދު އަލަމް އާއި ޝަމްއަތު އިބްރާހީމްގެ އިތުރުން މުންކޮއެވެ. މިއީ މުންކޮ އެކްޓްކުރާ އޭނާގެ ފުރަތަމަ ފީޗާ ފިލްމެވެ.
މުންކޮ ބުނީ، އެ ފިލްމުގެ ޓްރެއިލާ ރިލީޒް ކުރިފަހުންވެސް ފިލްމަށް ވަރަށް ގިނަ ބަޔަކު ކެތްމަދުވެފައިވާ ކަމަށެވެ. އަދި އެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ވެސް އޭނާ ފާހަގަ ކުރިއެވެ.
"މި ފިލްމުގެ މި ޓްރެއިލާ ރިލީޒް ކުރި ފަހުން މިހާތަނަށް ވެސް 30000 ވުރެ ގިނަ ވިއުސް މިވަނީ ލިބިފަ. އަޅުގަނޑު ދެެކެނީ އެއީ ވަރަށް ބޮޑު ތަރުހީބެއް ކަމަށް. ވަރަށް ގިނަ ރައްޓެހިންނާއި ނުދަންނަ މީހުންވެސް އައިސް ހަމަ ސުވާލު ކުރޭ،" މުންކޮ ބުންޏެވެ.
މުންކޮ ބުނީ "އިލް ނޮއިސް" އަށް ފިލްމީ ދާއިރާގައި ތިބި ގިނަ މީހުންގެ ފުރިހަމަ އެއްބާރުން ލިބުނު ކަމަށެވެ.
ގިނަ އިނގިރޭސި ބަހުގެ ޑައިލޮގް ތަކެއް ހުންނަ " އިލް ނޮއިސް" އަކީ ހަމަ ކޮންމެ މީހަކުވެސް ބަލާލައި އެ ފިލްމަށް ތާއިދު ކުރަންޖެހޭނެ ފިލްމެއް ކަމަށާއި އިނގިރޭސިން ހަދާފައި އޮތް ދިވެހި ފިލްމެއް ބަލާލުމަކީ ވަރަށް "ފައްކާ" ކަމެއް ކަމަށް މުންކޮ ފާހަގަ ކުރިއެވެ.