އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް، ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ލީގު މެޗުގައި އާސެނަލް އަތުން ލިވަޕޫލް މޮޅުވެފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ލަނޑު ޖެހުމަށްފަހު ލިވަޕޫލްގެ ވައިނަލްޑަމް އުފާފާޅުކުރަނީ: އެ މެޗުން ލިވަޕޫލް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

އެ ނަތީޖާއާއެކު ކުޅުނު 27 މެޗުން ލިބުނު 52 ޕޮއިންޓާއެކު ލިވަޕޫލް ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވެސް ލިބިފައިވަނީ 52 ޕޮއިންޓެވެ. ސިޓީއަށް ފައިދާ ދެ މެޗު އޮތްއިރު، މާދަމާ ސަންޑަލޭންޑް އަތުން މޮޅުވެ ނުވަތަ އެއްވަރުވިޔަސް ސިޓީ ތިންވަނައަށް އަރައި، ލިވަޕޫލް ހަތަރުވަނައަށް ވެއްޓޭނެއެވެ. މިރޭގެ މެޗުން ބަލިވި އާސެނަލް އޮތީ ކުޅުނު 26 މެޗުން ލިބުނު 50 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

މިރޭ ކުޅުނު މެޗުގެ ނުވަވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ސާޑިއޯ މާނޭ ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ހޯދައިދިނީ ބްރެޒިލް ފޯވަޑް ރޮބާޓޯ ފާމީނޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ގޯލު ކައިރިން އުފެއްދި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފުގައި މޮޅު ކުޅުމަކާއެކު، ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ވެސް ލިވަޕޫލެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، ލިވަޕޫލުން ލީޑު ފުޅާކުރިއެވެ. ފާމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް އެލަނޑު ކާމިޔާބުކޮށްދިނީ މާނޭއެވެ. އޭނާއަށް އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅަ ލިބުނުއިރު ހުރީ ވަރަށް ހުސްކޮށެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

އާސެނަލްގެ ފުރަތަމަ 11 އިން އެޓީމުގެ ޗިލީ ތަރި އެލެކްސިސް ސަންޗޭޒް ނުފެނުނު ނަމަވެސް، އާސެނަލުން ދެވަނަ ހާފު ފެށީ އޭނާ ހިމަނައިގެންނެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި އާސެނަލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ 57 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލަނޑެއްޖަހައި ލިވަޕޫލުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ސަންޗޭޒް ދިން ބޯޅައަކުން އާސެނަލަށް އެލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވަޑް ޑެނީ ވެލްބެކްއެވެ. އޭނާއަށް ލިބުނު ބޯޅަ، ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކީޕަރު ސިމޮން މިގްނޮލޭ ބޯ މަތިން ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ވަނީ ފޮނުވާލައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ލިވަޕޫލް މޮޅުވީ 3-1 ލަނޑުން --- ފޮޓޯ/ އޭޕީ

އާސެނަލްގެ ލަނޑަށްފަހު ލިވަޕޫލުން އަނެއްކާވެސް ކުޅުން ވަރުގަދަކޮށް، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ލިވަޕޫލްގެ މާނޭއާއި ޖޯލް މަޓިޕް އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ޑިވޯކް އޮރިގީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ލިވަޕޫލް އަލުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ކައުންޓާ އެޓޭކެއްގެ ތެރެއިން އޮރިގީ ދިން ބޯޅައަކުން ލިވަޕޫލަށް އެލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ފެނިގެންދިޔަ ޖޯޖީނިއޯ ވައިނަލްޑަމްއެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އުފެއްދި ހަމަލާ އަމާޒުވީ އާސެނަލް ގޯލުގެ ތިރީ ކަނަށެވެ.