ނ. ހޮޅުދޫ މައިޔުޓައިލް ސްޕޯޓްސް އެކަޑަމީއަށް އެއް އަހަރު ފުރުން ފާހަގަކޮށްފިއެވެ.

މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީއަކީ ނ. ހޮޅުދޫގެ އެކިއެކި އުމުރުފުރާތަކުގެ މީހުންނަށް ދުޅަހެޔޮ ވެއްޓެއް ގާއިމްކޮށްދިނުމުގެ މަގުސަދުގައާއި ނ. އަތޮޅުގެ އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ކުޅިވަރުގެ އެކިއެކި ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި ތަފާތު ކޭމްޕްތައް ރާވައި ހިންގުމުގެ މަގުސަދުގައި ނ. ހޮޅުދޫ ތްރީރޯސް މޫސާ އިބްރާހިމް އުފައްދާފައިވާ އެކަޑެމީއެކެވެ.

ހޮނިހިރު ދުވަހު ވަނީ އެ އެކަޑަމީގެ އަހަރީ ދުވަސް ފާހަގަކޮށްފައެވެ. އަހަރީ ދުވަސް ފާހަގަކުރި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރައްޔިތުންގެ މަޖުލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މަޢުރޫފެވެ. އެ ރަސްމިއްޔާތުގައި އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމާއި ޑެޕިޔުޓީ ހެޑް އޮފް ނޮދަން އޮޕަރޭޝަން ކޮމާންޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ނެޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް ގެ ރައީސާ އައިމިނަތު ޝާޒްލީން އާއި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗް މުހައްމަދު ޝާޒްލީ އާއި ހޮޅުދޫ އެންމެހާ ސަރުކާރު މުއައްސަސާ ތަކުގެ އިސް ވެރިން އަދި ކައިރި ރިސޯޓް ތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ނ. ހޮޅުދޫ މައި ޔުޓައިލް ސްޕޯޓްސް އެކެޑަމީގެ އަހަރީ ދުވަސް ފާހަގަކުރުން -- ސަން ފޮޓޯ: މައި ޔުޓައިލް

އެ ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އެކިއެކި ގޮތްގޮތުން އެކަޑަމީއަށް އެހީތެރިވެދެއްވި ފަރާތް ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލާ އަރުވައިފައެވެ.

މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީ އާއި ނެޓްބޯޅަ އެސޯސިއޭސަން އާއި ދެމެދު މިއަދު ވަނީ އެމްޔޫއޯއެއްގައި ވެސް ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެކަޑަމީގެ އިންސްޓްރަކްޓަރސް ޓިމާއި ޕޭރެންޓް ބޯޑް މިއަހަރަށް އިފްތިތާހް ކޮށްފައެވެ.

މިދިޔަ އަހަރު މައިޔުޓައިލް ސްޕޯޓްސް އެކަޑަމީ ހުޅުއްވައިދެއްވީ އޭރުގެ ކުޅިވަރު ވަޒީރު އަހުމަދު ޒުހޫރެވެ. އެ އެކަޑަމީ ހުޅުވިއިރު އެކަޑަމީގެ ދަރިވަރުންގެ ގޮތުގައި 94 ފިރެހެން ދަރިވަރުންނާއި 123 އަންހެން ދަރިވަރުންނާއި އެކު ޖުމްލަ 217 ދަރިވަރުން ވަނީ ރަޖިސްޓްރީ ކުރެވިފައެވެ. އަދި އަހަރުގެ އެކި ދުވަސްތަކުގައި އިތުރު ދަރިވަރުން ވަނީ މި އެކަޑަމީ އާ ގުޅިފައެވެ.

ނ. ހޮޅުދޫ މައި ޔުޓައިލް ސްޕޯޓްސް އެކެޑަމީގެ އަހަރީ ދުވަސް ފާހަގަކުރުން -- ސަން ފޮޓޯ: މައި ޔުޓައިލް

މިދިޔަ އަހަރު މައި ޔުޓައިލް އެކަޑަމީގައި ދަރިވަރުންނަށް ކިޔަވައިދެވިފައިވާނީ މެލޭޝިޔާގެ އެކަޑަމީ އެއް ނަމޫނާ އަކަށް ބަލައިގެން އެ އެކަޑަމީގެ ސިލަބަސް، މަދު ވަސީލަތް ތަކާއިއެކު ރާއްޖޭގެ މާހައުލަށް ފައްތައިގެން ކަމަށް އެ އެކަޑަމީން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ވަނަ އަހަރު މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީގެ ކުލާސްތައް ހިންގިފައިވަނީ ނ. ހޮޅުދޫ ފުޓުބޯޅަ ދަނޑު، ފުޓްސަލް ދަނޑު، ހޮޅުދޫ ޒުވާނުންގެ މަރުކަޒުގެ އިތުރުން ހޮޅުދޫގެ ވަށައިގެންވާ އެކިއެކި ހުސް ބިން ތަކުގައެވެ.

ނ. ހޮޅުދޫ މައި ޔުޓައިލް ސްޕޯޓްސް އެކެޑަމީގެ އަހަރީ ދުވަސް ފާހަގަކުރުން -- ސަން ފޮޓޯ: މައި ޔުޓައިލް

އެކަޑަމީގެ ދަރިވަރުންނަށް ކުޅިވަރުގެ އެކިއެކި ތަމްރިނާއި ތަރުބިއްޔަތު ދިނުމަށްޓަކައި އަހަރު ތަކަށް ބަހާލެވިގެން ސްޕޯޓްސް ތިއަރީ ކުލާސްތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި ކުޅިވަރުގެ ދާއިރާއިން ދަރިވަރުންނަށް ހާސިލްވި މިންވަރު ދެނެގަތުމަށްޓަކައި އެކިއެކި އުމުރުފުރާތަކުގެ މެދުގައި ތަފާތު ވާދަވެރި މުބާރާތްތައް ބާއްވާފައި ވާކަމަށް ވެސް މައި ޔުޓައިލުން މައުލޫމާތުދެއެވެ.