ރާއްޖޭގެ އެންމެ ފުރަތަމަ ބަޔޯސްފިއާ ރިޒާވެއްގެ ގޮތުގައި ބ. އަތޮޅު ކަނޑައަޅައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން )ޔުނެސްކޯ(އިން ބ. އަތޮޅު ބަޔޯސްފިއާ ރިޒާވެއް ނުވަތަ އެއްގަމާއި ކަނޑުގައި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތުގައި ހިމާޔަތްކުރުމަށްޓަކައި ގާއިމުކުރާ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ތަންތަނުގެ ތެރޭގައި ހިމެނުމަށް ޝަރުތު ހަމަވާ ކަމަށް އެ ޖަމިއްޔާ އިން ކަނޑައެޅީ ޖަރުމަނު ވިލާތުގެ ޑްރެސްޑަމްގައި ކުރިޔައްދިޔަ ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއާ ރިޒަރވްގެ އިންޓަރނޭޝަނަލް ކޯޑިނޭޓިން ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ފަހު ޖަރުމަނުގައި ހުންވަައިގެން ސަން އަށް ފޯނުން މައުލޫމާތު ދެއްވަމުން އެންވާރަމަންޓް މިނިސްޓާ މުހައްމަދު އަސްލަމް ވިދާޅުވީ، ބޮއޮސްފިއާ ރިޒާވްތަކަކީ އެ ސަރަހައްދުތަކުގައި ހުންނަ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތައް މުސްތަގުބަލުގެ ޖީލުތަކަށް ދަމަހައްޓާނެ ނިޒާމެއްގެ ތެރެއިން އެތަކި ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ނިޒާމެއް ގާއިމްވެފައި އޮންނަ ތަންތަން ކަމަށެވެ.

އަދި ބ. އަތޮޅު ބައޮސްފިއާ ރިޒާވެއް ގޮތުގައި ހަމަޖެއްސީ އެތަނުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭފަދަ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ލިބިފައިވާ އަތޮޅަކަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ބައޮސްފިއާ ރިޒާވް ސިސްޓަމް މެނޭޖްކުރަނީ އެފަދަ ތަނެއްގައި ވަށައިގެން ދިރިއުޅޭ މީހުންގެ ބައިވެރިވުމާއެކީގައި އެމީހުންނަށް ވެސް މަންފާވާ ގޮތަށް އެކަން ކުރަމުން ގެންދަނީ. އެހެންވީމަ، އަޅުގަނޑުމެން މިކަން ކުރީ ބ. އަތޮޅުގެ ރައްޔިތުންގެ ތާއީދާ ވެސް އެކީގައި. ވަރަށް އުފާކުރަން ރާއްޖޭގެ ފުރަތަމަ ބައޮސްފިއާ ރިޒާވްގެ ގޮތުގައި ބ. އަތޮޅު ހަމަޖެހިގެން ދިޔައިމަ. ބ. އަތޮޅު އަޅުގަނޑުމެން ބައޮސްފިއާ ރިޒާވެއް ގޮތުގައި މެނޭޖްކުރަމުންދާއިރު އޭގެ ފައިދާ ރައްޔިތުންނަށް ކުރާ ތަން ފެނި އެހެން އަތޮޅުތަކުގެ ރައްޔިތުން ވެސް މި މިސާލު ފޮލޯ ކުރާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

ބ. އަތޮޅު ބައޮސް ފިއާ ރިޒާވެއް ގޮތުގައި ހަމެޖެހިގެން ދިއުމުން ކުރާނެ ފައިދާތަކުގެ ތެރޭގައި ތިމާވެށީގެ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީއާ މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންދިޔުމާއި އެސަރަޙައްދުގައި ހިންގޭ ތަފާތު މަޝްރޫއުތަކަށް ފައިސާގެ އެހީ ލިބުން ފަސޭހަވެގެންދިޔުން ހިމެނޭ ކަމަށް އެންވާރަމަންޓް އިން ބުނެ އެވެ. އަދި އެސަރަޙައްދުގައި އިކޯޓޫރިޒަމަށް މަގުފަހިވެ، ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ބ. އަތޮޅުގެ ހުރިހާ ރަށްތަކާއި އެ އަތޮޅުތެރޭގައިވާ ހުރިހާ ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކާއި ހުރިހާ ކަނޑުތަކާއި ފަރާއި ފަޅުގެ ސަރަހައްދު އަދި އެ އަތޮޅުގެ ދުނިން ފެށިގެން އެއް ނޯޓިކަލް މޭލުގެ ސަރަޙައްދު މިހާރު ހިމެނެނީ ބަޔޯސްފިއާ ރިޒާވްގެ ތެރޭގަ އެވެ. އެ އަތޮޅު ބައޮސްފިއާ ރިޒާވަކަށް ހަމަޖެއްސުމަށް ސަރުކާރުން އެޕްލިކޭޝަން ހުށަހެޅީ ސެޕްޓެމްބަރ 28، 2010 ގަ އެވެ.