05 Mar 2017, 01:59
ޖަމާލުއްދީން ސުކޫލުގެ ބެލެނިވެރިންގެ މެދުގައި ބޭއްވި ފުރަތަމަ ހޭންޑުބޯލް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ސެކަންޑަރީ ޓީމް ހޯދައި، ފިރިހެން ޗެމްޕިއަންކަން ގްރޭޑް ތިނެއްގެ ޓީމް ހޯދައިފި އެވެ.
ޖަމާލުއްދީން ސްކޫލުގެ ހޯލުގައި ކުޅުނު އެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ސެކަންޑަރީ ޓީމު ހޯދާފައިވަނީ، ގްރޭޑް 2 ގެ ޓީމާ ވާދަ ކޮށްގެންނެވެ.
އަންހެން ބައިގެ ޗެމްޕިއަންކަން ލިބުނު ޓީމު ތަށި އުފުލައިލަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ގްރޭޑް ތިނެއްގެ ބެލެނިވެރިން ހޯދާފައިވަނީ، ގްރޭޑް ފަހެއްގެ ޓީމާ ވާދަކޮށް މެޗު ކާމިޔާބުކޮށްގެންނެވެ.
ބެލެނިވެރިންގެ ހޭންޑުބޯލް މުބާރާތުގެ ވަނަ ވަނައަށް ދިޔަ ޓީމުތަކަށް ތަށި ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހީމް އިސްމާއީލެވެ.
އެ ސްކޫލުން ބުނީ އެ މުބާރާތަކީ، ބެލެނިވެރިންނާއި ސުކޫލާ މެދު އޮންނަ ގުޅުން ބަދަހިކޮށް، ބެލެނިވެރިންނާއި ބެލެނިވެރިންގެ ގުޅުން ބަދަހި ކުރުމަށް ބޭއްވި މުބާރާތެއް ކަމަށެވެ. އަދި ވާދަވެރި މާހައުލަކުން ބެލެނިވެރިން ބައްދަލުވާނެ ފުރުސަތެއް ދިނުމަކީވެސް އެ މުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމަށް އެ ސްކޫލުން ބުނެ އެވެ.