05 Mar 2017, 09:19
މަރުވެފައިވާ ބުޅަލެއްގެ ވަށާ ސީނު ކުކުޅުތަކެއް (ޓާކީ) ތަކެއް ވަށާ އެނބުރޭ ވީޑިއޯ އަކުން ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މަސަޗުސެޓްސްގެ މީހަކު ޓުވީޓާގައި މިދިޔަ ބުރާސްފަތި ދުވަހު ހިއްސާކުރި އެ ވީޑިއޯ އިން ފެންނަ ގޮތުގައި މަގު މެދުގައި މަރުވެފައި އޮތް ބުޅަލެއްގެ ވަށާ ގާތްގަނޑަކަށް 20 ވަރަކަށް ޓާކީ ހުއްޓުމެއް ނެތި އެނބުރޭތަން ފެނެ އެވެ.
ވީޑިއޯގެ އޮންލައިންގައި ހިއްސާކުރުމުން ގިނަ ބަޔަކު އެކަމަކީ ކިހިނެއްވާ ކަމެއްކަން ސުވާލު އުފައްދަން ފެށި އެވެ. އަދި މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި 6000 ފަހަރު އެ ވީޑިއޯ ޝެއާ ކޮށްފައިވެ އެވެ.
އެ ވީޑިއޯ އާއްމުވެ ބޮސްޓަން މެގަޒިންއަށް އެރުމާ ގުޅިގެން ނޭޝަނަލް ވައިލްޑް ޓާކީ ފެޑެރޭޝަންގެ ކޮންސަލްޓް ޑޭވިޑް ސްކާޕިޓީ ވަނީ އެއީ އާއްމުކޮށްވާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަމަށް ޖަވާބު ދެއްވައިފަ އެވެ.
"ގުދުރަތީ ގޮތުން ޓާކީ އަކީ ބުޅާ ދެކެ ވަރަށް ބިރު ގަންނަ ޖަނަވާރެއް. ހާއްސަކޮށް ޓާކީގެ ޅަ ނުވަތަ ކުދި ދޫނިތަކަށް ބުޅަލަކީ ބިރެއް. އެހެންކަމުން މަގެއްގެ މެދުގައި މަރުވެފައި އޮތް ބުޅަލެއް ފެނުމުން ޓާކީތައް ބޭނުން ވަނީ އެއީ ކިހިނެއްވާ ކަމެއްތޯ ބަލައި، ބުޅާ ދިރޭތޯ ބަލަން،" ޓާކީ އެކްސްޕާޓް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ، ޓާކީ އަކީ ކާ އެއްޗެހި ހޯދަން ނުކުންނައިރު ވެސް ލީޑަރެއް ނުވަތަ ދެ ލީޑަރަކު ބުނާ ގޮތަކަށް އަމަލުކުރާ ދޫންޏެއް ކަމަށާއި އެހެންކަމުން މަރުވެފައި އޮތް ބުޅާ ވަށާ ލީޑަރު ހިނގަން ފެށުމުން އެކަމަށް ބޯލަނބައި ލީޑަރު ފަހަތުން އެހެން ޓާކީތައް ވެސް އެނބުރެން ފެށީ ކަމަށެވެ.
ނަމަވެސް ސްކާޕިޓީ ވިދާޅުވި ގޮތުގައި، އޭނާގެ 15 އަހަރުވީ ވައިޑްލައިފް ބަޔޮލޮޖިސްޓެއްގެ ތަޖުރިބާގައި މިފަދަ ވީޑިއޯއެއް އަދި ފެނިފައެއްނުވެ އެވެ.
These turkeys trying to give this cat its 10th lifepic.twitter.com/VBM7t4MZYr
— J... (@TheReal_JDavis)March 2, 2017