ރާއްޖޭގެ ފުޓްބޯޅަ ކްލަބަކުން ބައިނަލްއަގްވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުމަކީ ދިވެހި ފުޓްބޯޅައިގެ އާފެށުމެއް ކަމަށާއި، މީގެ ސަބަބުން ދިވެހި ފުޓްބޯޅައިގެ ވާދަވެރިކަން އެތައް ގުނައެއް އިތުރުވެގެންދާނޭ ކަމަށް، ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިއީ ދިވެހި ފުޓްބޯޅައިގެ އާފެށުމެއް. ޓީސީގެ މި ކާމިޔާބީއާއެކު ދިވެހި ފުޓްބޯޅައިގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެއޭ އަޅުގަނޑު ދަންނަވާނީ --ޓީސީ ކޯޗް ނިޒާމްބެ

ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގެ ޗެމްޕިއަންކަން ޓީސީން ހޯދީ އެ މުބާރާތުގައި އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. މީގެ އިތުރުން މުބާރާތުގެ ސެމީއަށް ޓީސީ ދަތުރުކުރި އިރު އެ ޓީމު ވެގެން ދިޔައީ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމަށެވެ. ޝެއިހް ކަމާލްކަޕްގެ ޗެމްޕިއަންކަން ޓީސީ ހޯދީ ފައިނަލުގައި ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީ ޕެނަލްޓީޖަހައިގެން ބަލިކުރުމަށްފަހުގައެވެ.

"އަޅުގަނޑު ދަންނަވާނީ، ޓީސީގެ މި ކާމިޔާބީއަކީ ގުޅިގެން ޓީމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކުޅުންތެރީން ކުރި ހިތްވަރުން ލިބުނު ކާމިޔާބީއެކޭ،" ޓީސީއަށް ލިބުނު ކާމިޔާބީ ސަން ސްޕޯޓްސްއާ ހިއްސާކުރަމުން ނިޒާމްބެ ބުންޏެވެ.

"މިއީ ދިވެހި ފުޓްބޯޅައިގެ އާފެށުމެއް. ޓީސީގެ މި ކާމިޔާބީއާއެކު ދިވެހި ފުޓްބޯޅައިގެ ވާދަވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެއޭ އަޅުގަނޑު ދަންނަވާނީ."

ރާއްޖޭގެ ފުޓްބޯޅަ ކްލަބަކަށް ބައިނަލްއަގްވާމީ ފުރަތަމަ ރަންމެޑަލް ހޯދައިދިން ކޯޗު ބުނީ، ބަންގުލަދޭޝްގެ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕަކީ ޓީސީގެ ޒުވާން ކުޅުންތެރީންނަށް ވަރަށް ފޮނި ތަޖްރިބާއެއް ކަމަށާއި މި މުބާރާތުގެ ސަބަބުން އެ ކުޅުންތެރީންގެ އިތުބާރާއި ޔަގީކަން ވަރަށް ބޮޑަށް އިތުރުވެގެން ހިނގައްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކުދީންނަށް ލިބުނު ވަރަށް ބޮޑު ތަޖްރިބާއެއް މިއީ. މީގެ ފައިދާ ހަމަ ޔަގީނުންވެސް އަޅުގަނޑުމެންގެ ކުރިއަށް ހުރި މެޗުތަކަށް ކުރާނެ،" ނިޒާމްބެ ބުންޏެވެ.

ރަންވަނަ ހޯދައިގެން ޓީސީން މިރޭ މާލެއައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އެޓީމަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން ޓީސީއަށް މަރުހަބާ ކިޔުމަށް ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމާއި، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި ކޮމިޝަނާ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް)އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގުގެ އިތުރުން، ކުޅިވަރު ދާއިރާގެ އިސްފަރާތްތަކާއި ޓީސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންން އެއާ ޕޯޓަށްދިޔައެވެ.