ޓީސީ ސްޕޯޓްސް ކްލަބުން ހޯދި ބައިނަލްއަގުވާމީ ކާމިޔާބު ރަމްޒުކޮށްދޭ ތަށި ޓީސީ އުފެދުނު ކާނީ ގޯޅިގައި ހުންނަ އެ ކުލަބުގެ ޖަގަހައަށް ގެންގޮސްފިއެވެ.

މިރޭ ސްރީލަންކަން އެއާލައިންގެ ފުލައިޓެއްގައި ޓީސީ ޓީމު ރާއްޖެ އައިސްފައިވާއިރު ވެލާނާ އިންޓަނޭޝަލް އެއާޕޯޓުން މަރުހަބާކިއީ ރާއްޖޭގެ ކުޅިވަރާއި ޒުވާނުންނާ ބެހޭ މިނިސްޓަރު އިރްތިޝާމް އާދަމްއެވެ.

ޓީސީ ހޯދި ފަހުރުވެރި ކާމިޔާބީއަށް ފަހު އެ ކްލަބު މިރޭ މާލެ އައިއިރު ގިނަ ސަޕޯޓަރުން އެޓީމަށް މަރުހަބާ ކިޔުމަށް އެއް ނަންބަރު ފާލަން ދޮށަށްވަނީ އެއްވެފައެވެ.

ޓީސީގެ ސަޕޯޓަރުންނާ ދިވެހި ފުޓްބޯޅައަށް ލޯބި ކުރާ ގިނަބަޔަކު ޓީސީއަށް މަރުހަބާ ކިޔާފައި ވާއިރު ޓީސީން މާލެ ފޭބި ގޮތަށް ގޮސްފައިވަނީ ޓީސީ އުފެދުމުގެ އަސްލުކަމުގައިވާ ކާނި ގޯޅީގައި ހުންނަ އެޓީމުގެ ޖަގަހައަށެވެ. ޖަގަހައިގައި ކުރިއަށް ގެންދިޔަ ފޯރި ނެގުމުގައި ކުޅިވަރާބެހޭ ވަޒީރު އިރްތިޝާމް އާދަމް އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާ ސަރުކަރުގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ހަމައެހެންމެ ޓީސީއަށް މި ފުރުޞަތު ފަހިކޮށްދެއްވި އެފްއޭއެމްގެ ރައީސްވެސް ވަނީ ޓީސީ ޖަގަހައަށް ގޮސް ސަޕޯޓަރުންނާ އެކު ވަގުތުކޮޅެއް ހޭދަ ކުރައްވައިފައެވެ.

ޓީސީގެ ޖަގަހައިގައި ތަށި ބަހައްޓައި، ޓީސީ ކުޅުންތެރިން ވަނީ އާއިލާ މެމްބަރުންނާ އެކު އަދި ޓީސީގެ ސަޕޯޓަރުންނާ އެކުވެސް ވަގުތުކޮޅެއް ހޭދަކޮށްފައެވެ. މިއީ ބޭރުގެ މުބާރާތެއްގައި ދިވެހި ފުޓްބޯޅަ ކުލަބަކަށް ލިބުނު ފުރަތަމަ ރަންމެޑައްޔެވެ.

ޓީސީ ތަށްޓާ ހަމައަށް ކުރި ދަތުރު:

  • ފައިނަލުގައި ޓީސީ ވަނީ ދެކުނު ކޮރެއާގެ ޕޮޗިއޮން އެފްސީ، ޕެނަލްޓީ ޖަހައިގެން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި
  • ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައި.
  • ޓީސީ އަކީ މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމު.
  • ފައިނަލުން ޓީސީއަށް ޖާގަ ލިބުނީ ސެމީގެ ފުރަތަމަ މެޗުގައި ނޭޕާލްގެ މަނަންގް މަޝިޔަންގްޑީ (އެމްއެމްސީ) އަތުން މޮޅުވެގެން.