05 Mar 2017, 08:58
ކާމިޔާބު ތިއޭޓަ ޕްލޭތަކެއް މީގެ ކުރިން ގެނެސް ދީފައިވާ މުހައްމަދު މުންތަސިރު (މުންކޮ)ގެ ފުރަތަމަ ފީޗާ ފިލްމެއް ޑައިރެކްޓު ކުރަން ފެށި ހިސާބުން ބެލުންތެރިން ތިބީ އެ ފިލްމެއް ބަލާލަން ކެތްމަދުވެފަ އެވެ. ފިލްމު ބެލުންތެރިންނާ ހަމައަށް ނައިސް ދިގުލައިގެން މި ދަނީ ކީއްވެބާ އެވެ؟ ފިލްމު ގެއްލުނީ ބާ އެވެ؟
ކަނޑުމަތީގެ ހާދިސާއަކަށް ބިނާކޮށް ހަދާ "ގެއްލުނީމާ"ގެ ޑައިރެކްޓަރު މުންކޮ 'ސަން'އަށް ބުނީ، އެ ފިލްމު ނުގެއްލޭ ކަމަށެވެ. ނަމަވެސް ފިލްމުގެ މަސައްކަތް މިވަގުތު އޮތީ މަޑު ޖައްސާލާފައި ކަމަށް ވެސް މުންކޮ ބުންޏެވެ.
"އެ ފިލްމުގެ މަސައްކަތް އެ އިނީ ޕައިޕް ލައިން ތެރޭގައި އިހަށް މަޑު ޖައްސާލާފައި. އަންދާޒާ ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތްތަކެއް އެ ފިލްމަށް ކުރަން ޖެހޭތީ އެ އޮތީ އެހަށް ބާއްވާލާފައި،" މުންކޮ ބުންޏެވެ.
"ބުޅާ" އާއި "އިލް ނޮއިސް" ފަދަ ސްޓޭޖް ޕްލޭތައް ގެނެސް ދީފައިވާ މުންކޮ ބުނީ، މިދިޔަ އަހަރު ވެސް ފިލްމު އަޅުވަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އަދިވެސް ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަހެއް ބުނަން ދަތި ކަމަށް މުންކޮ ބުންޏެވެ.
"އަސްލު މި ދަނޑިވަޅުގައި ބޭނުމެއް ނޫން މި ފިލްމުގެ ވާހަކަ ދައްކާކަށް. އެކަމަކު ފިލްމު ފެންނާނެ ބެލުންތެރިންނަށް. ނިންމާފައި އަޅުވާނެ ވަކި ތާރީހެއް ބުނެވޭކަށް އަދި ނެތް. މީގައި އެބަހުރި އަދި ވަރަށް ރަނގަޅަށް ފައިން ޓިއުން ކޮށްފައި ނެގޭނެ ބައެއް ޝޮޓްތައް،" ލަސްވެފައިވާ ފިލްމާ ގުޅޭ ގޮތުން އޭނާ ބުންޏެވެ.
މުންކޮ ބުނި ގޮތުގައި ފިލްމުގެ ބޮޑު ބައި ޝޫޓްކޮށް ނިމިފައިވާ އިރު އަދިވެސް ނަގަންޖެހޭ ބައެއް މަންޒަރުތައް އެބަ ހުއްޓެވެ. ފިލްމުގައި އުޅޭނެ ތަރިން އަދިވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
މުންކޮގެ އެ ފިލްމު ބަލާލަން ބޭނުންވާ މީހުން އަދި ވެސް ޖެހެނީ އިންތިޒާރެއް ކޮށްލާށެވެ. ފަހަރުގައި ފިލްމު ފަހުން އަންނަ އިރު މޮޅުވެފައި ފުރިހަމަ ވަނީ ކަމަށް ވެސް ވެދާނެ އެވެ.