ޒުވާން ލަވަކިޔުންތެރިޔާ އައިމިނަތު ބަތޫލްއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި ކަމަށް ބުނާ ފުލުހެއްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އުމުރުން 16 އަހަރުގެ ބަތޫލް އަށް ފުލުސް މީހާ ފުރައްސާރަކޮށްފައިވަނީ މީގެ ދެ ދުވަސް ކުރިން ބަތޫލްގެ ފޭސްބުކްގައި ހިއްސާކުރި ފޮޓޯއަކާ ގުޅުވައިގެންނެވެ. ފުލުސް މީހާ ބަތޫލަށް ފުރައްސާރަކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ޕޯން ސްޓާރެއް ކަމަށްވާ މިއާ ޚަލީފާއާ ގުޅުވައިގެން އެއްޗެހި ލިޔެގެންނެވެ.

އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ބަތޫލްއަށް ފުރައްސާރަކޮށް ފުލުސް މީހާ ކިޔާފައިވާ އެއްޗެހީގެ ސްކްރީންޝޮޓަކާއި ފުރައްސާރަކުރި ކަމަށް ބުނާ ފުލުސް މީހާ ޔުނީފޯމްގައި ހުރެ ނަގާފައިވާ ފޮޓޯއެއް ޓްވީޓާގައި ޝެއާ ކުރުމުންނެވެ.

ބަތޫލްގެ ޓްވިޓާއަށް ޖަވާބު ދެމުން ފުލުހުންގެ ރަސްމީ ޓްވީޓާ އެކައުންޓުން ބުނެފައިވަނީ، ބަތޫލް ފާޅުކުރި ކަންބޮޑުވުން ވަރަށް ސީރިއަސްކޮށް ބަލައިގަނެފައިވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ހޫނުވުމުން ފުލުސް މީހާ ވަނީ ފޭސްބުކްގައި ބަތޫލް އަށް ރައްދު ދީފައެވެ. ބަތޫލްއަށް ރައްދު ދެމުން ފުލުސް މީހާ ބުނެފައިވަނީ، ބަތޫލްއަކީ ސެލަބްރިޓީއަކަށް ވުމުން މީހުން އޭނާއަށް ކޮމެންޓް ކޮށް ފުރައްސާރަ ކުރާނެ ކަމަށާއި އެކަން ހަޖަމްކުރަން ދަސްކުރަންޖެހޭނެ ކަމަށެވެ.

ބަތޫލްގެ ފޮޓޯ ޝެއާ ކޮށްފައިވަނީ އޭނާގެ ފޭސްބުކު ޕޭޖުން ކަމަށްވާތީ އެއީ ފުރައްސާރައަކަށް ނުވާނޭ ކަމަށާއި ނަމަވެސް ފުލުސް މީހާގެ ފޭސްބުކް އެކައުންޓުން ނަގާފައިވާ ފޮޓޯއަކީ ވައްކަން ކުރުން ކަމަށާއި އެއީވެސް ފުރައްސާރަ ކުރުން ކަމަށް ފުލުސް މީހާ ވަނީ ބުނެފައެވެ.