އައްމާން: އުރުދުންގައި އެކިއެކި ކުށްކުށުގައި މެރުމަށް ހުކުމް ކޮށްފައިވާ 15 މީހަކަށް ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒު ކޮށްފިއެވެ.

އުރުދުންގެ އިންފޮމޭޝަން މިނިސްޓަރު މަހުމޫދު މޮމާނިއާއާ ހަވާލާދީ އެގައުމުގެ ރަސްމީ ނިއުސް އެޖެންސީ، ޕެޓްރާއިން ބުނީ، މިއަދު ދަންޖެއްސި 10 މީހުންނަކީ ޓެރަރިސްޓް ހަރަކާތްތައް ހިންގުމުގެ ކުށް ސާބިތުވެފައިވާ މީހުން ކަމަށާއި އަނެއް ފަސް މީހުންނަކީ ރޭޕް އާއި ޖިންސީ އަނިޔާ ކުރުން ފަދަ އެހެނިހެން ޖަރީމާތައް ހިންގި މީހުން ކަމަށެވެ.

އުރުދުންނަށް އުފަން އެ އެންމެންގެ މައްޗަށް ވެސް މަރުގެ ހުކުމް ތަންފީޒު ކުރީ ވެރިރަށް އައްމާނުގައި ދެކުނުގައި އޮންނަ ސުއާގާ ނަމަކަށް ކިޔާ ޖަލެއްގައި މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

އުރުދުންގައި މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުން 2006 އިން 2014 ވަނަ އަހަރާ ދެމެދު އޮތީ ހުއްޓާލާފައެވެ. އެއީ ޔޫރަޕްގެ ގިނަ ގައުމުތަކެކޭ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓާލައި، މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލައި މެދުއިރުމަތީގެ ފުރަތަމަ ގައުމަށް އުރުދުން ހެއްދެވުމަށް އެގައުމުގެ ރަސްގެންފާނު އަބްދުﷲ ދެވަނަ، 2005 ވަނަ އަހަރު ނިންމެވުމުންނެވެ.

ރަސްގެފާނު އެހެން ވިދާޅުވި ނަމަވެސް، އެކިއެކި ކުށްތަކުގައި އެގައުމުގެ ކޯޓްތަކުން ގެންދިޔައީ މީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވަމުންނެވެ. ނަމަވެސް އެ ހުކުމްތައް ތަންފީޒު ކޮށްފައެއްނުވެއެވެ.

އެހެންނަމަވެސް އުރުދުންގައި ކުށްކުރުން އާއްމުވާން ފަށައި އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަން ފެށުމުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު 11 މީހަކު ދަންޖައްސައި މަރުގެ ހުކުމް ތަންފީޒު ކުރިއެވެ. އެކަން ވެގެންދިޔައީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ފާޑުކިޔުންތައް އެގައުމަށް އަމާޒުވެގެން ދިޔަ ކަމަކަށެވެ.

އުރުދުންގެ ޝަރުއީ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، އެގައުމުގައި މަރުގެ ހުކުމް އިއްވާފައިވާ 94 އަދިވެސް އެބަތިއްބެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ މީހުން މެރުމާއި ރޭޕްގެ ކުށް ސާބިތުވެފައިވާ މީހުންނެވެ.