ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާ ހިލާފަށް ކ. ތުނބަފުށީގައި ކަންތައްތަކެއް ކޮށްފައިވާ ކަމަށްބުނެ، އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ )އީޕީއޭ( އިން މ. ޗަންޕާހެވަން މުހައްމަދު މޫސާ )އުއްޗު( 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރުމަށް އަންގާފައިވާ އެންގުމަށް "އަލަމްކުރަންޖެހުމަކީ އެކަމުގައި އެންމެ އަދަލުވެރިކަމާ ގާތް ގޮތް ކަމުގައި ނުވާތީ" ސިވިލް ކޯޓުގެ ޝަރީއަތް ނިމެންދެން ޖޫރިމަނާ ފަސް ކުރުމަށް ވަގުތީ އަމުރެއް މިއަދު ނެރެފި އެވެ.

ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައި ވަނީ އީޕީއޭ ފަރާތުން މުހައްމަދު މޫސާގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާއަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނުނާ ހިލާފަށް ތުނބަފުށީގައި ކަންތައްތަތކެއް ކުރި ކަމަށް ސާބިތުވެގެން ކޮށްފައިވާ ޖޫރިމަނާއެއް ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން މުހައްމަދު މޫސާ އަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްމުގެ ފުރުސަތު ދީފައި ނުވާ ކަމަށް، ދައުވާ ކުރާ ފަރާތުން ބުނެފައިވާ ކަމަށެވެ. އަދި އީޕީއޭ ފަރާތުން ކުރި ސާވޭގެ ރިޕޯޓް ޗަންޕާއާ ހިއްސާކޮށްފައި ނުވާ ކަމަށް ކަމަށާއި ޖޫރިމަނާ ކުރުމުގެ ކުރިން އީޕީއޭ އިން ފުރިހަމަކުރަން ޖެހޭ އަދުލުވެރި އުސޫލުތަކަށް އަމަލްކޮށްފައިނުވާ ކަމަށް ދައުވާގައިވެ އެވެ.

ޖޫރިމަނާ ފައިސާ މުހައްމަދު މޫސާ ދައްކަން ނުޖެހޭނެ ކަމަށާއި ތުނބަފުށީގައި ކުރި މަސައްކަތުގެ ސަބަބުން ލިބުނު ގެއްލުން ކުޑަކުރުމަށް ކުރާނެ މަސައްކަތުގެ ޕްލޭން މުހައްމަދު މޫސާ ހުށަހަޅަން ނުޖެހޭނެ ކަމަށް އީޕީއޭގެ މައްޗަށް އަމުރުކޮށްދިނުމަށް އޭނާގެ ވަކީލް އައިޝަތު އާޒިމާ ޝަކޫރު ވަނީ ކޯޓްގައި އެދިފަ އެވެ. އާޒިމާ ކޯޓްގައި އެދިފައިވާ ކަންތައްތަކަށް ރިޔާއަތް ކުރުމަށް ފަހު ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން އީޕީއޭ ސިޓީއަށް އަމަލުކުރުމަށް ފަސްކުރުމަށް އެ އެޖެންސީ އަށް އަންގައި އަމުރުކޮށްފައިވާ ކަމަށެވެ.

"ގަޟިއްޔާ އިން ހުށަހެޅިފައިވާ މައްސަލަ ޝަރީއަތުގައި ކުރިއަށްދާހިނދު، އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން މުހައްމަދު މުސާ މައްޗަށް އަންގައިވާ އެންގުމަށް މުހައްމަދު މޫސާ އަމަލްކުރަންޖެހުމަކީ އެކުމުގައި އެންމެ އަދުލުވެރިކަމާއި ގާތްކޮތްކަމުގައި ނުވާތީ، ގަޟިއްޔާގެ ހުކުމް ކުރަންދެން ނުވަތަ ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށް އަންގައި އަމުރުކޮށްފީމެވެ،" ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ކ. ތުނބަފުށީ މައްސަލާގައި އީޕީއޭ އިން މުހައްމަދު މޫސާ ޖޫރިމަނާކޮށް، 100 މިލިއަން ރުފިޔާ އިން އެ އެޖެންސީ ދެއްކުމުގެ މުއްދަތު ހަމަވަނީ މިއަދަށެވެ. ނަމަވެސް މުހައްމަދު މޫސާގެ ފަރާތުން އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ މިމަހުގެ ކުރީ ކޮޅު އެވެ.