19:00


ރާއްޖޭން ޑީޕޯޓްކޮށްލާ މީހުން ތަކުރާރުކޮށް ރާއްޖެ އަންނަމުންދާ ކަމަށާއި އެމީހުން ފާހަގަކުރެވޭނެ ނިޒާމެއް އަދި ހަމަޖެހިފައިނުވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.


މިނިސްޓަރ އޮފް ސްޓޭޓް، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޝެއިޚް އިލްޔާސް ހުސެއިން އިބްރާހިމް މިއަދު ވިދާޅުވީ ތަފާތު އެކިއެކި ސަބަބުތަކާ ހެދި ޑީޕޯޓްކޮށްލާ މީހުން އެތައްފަހަރަކު ރާއްޖެ އައިސް އުޅެނިކޮށް ކޮންމެވެސް ގޮތަކުން އެނގިގެން އެމީހުން ފޮނުވާލާފައިވާ ކަމަށެވެ. އަދި އެމީހުން ރާއްޖޭން ފޮނުވާލި ނަމަވެސް އެމީހުން ދެވަނަ ފަހަރަށް ރާއްޖެ އައުމުން ފާހަގަކުރެވޭ ކަހަލަ ސިސްޓަމެއް އަދި ގާއިމްވެފައި ނެތް ކަމަށާއި އެގޮތުން އެމީހުންގެ އިނގިލީގެ ނިޝާނެއް އަދި ކަޅީގެ ނިޝާނެއް ފަދަ ކަމެއް އެނގޭ ކަހަލަ ސިސްޓަމެއް ވެސް ނެތް ކަމަށް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ އެފަދަ މީހުންނަށް ދެ ވަނަ ފަހަރަށް ނާދެވޭ ގޮތަށް "ނެޝެނަލް ބޯޑިން ސިސްޓަމެއް" ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ވަނީ އެކަމަށް އެދި ކުރިމަތިލުމަށް ބީލަން ހުޅުވާލަފައި ކަމަށާއި އެގޮތުން ޓެންޑަރ ބޯޑުން އެކަން ކޮންމެވެސް ފަރާތަކާ ހަވާލުކުރުމުން ތިން މަސް ދުވަހުގެތެރޭ އެސިސްޓަމް ބެހެއްޓޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އިލްޔާސް ވިދާޅުވީ މިދިޔަ އަހަރުވެސް ދެ ހާސް ހަތްސަތޭކަ އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.


އިލްޔާސް އިތުރަށް ވިދާޅުވީ ގަވާއިދާ ޚިލާފަށް މިހާރުވެސް ގާތްގަނޑަކަށް ވިހި ހާހެއްހާ މީހުން ދިރިއުޅެމުންދާ ކަމަށެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލަން މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގައި ދާން ބޭނުންވެގެން އަމިއްލަ އަށް ހަ ހާހެއްހާ ބިދޭސީން ނަންނޯޓް ކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެހެން ނަމަވެސް އެމީހުންގެ ތެރެއިން ބައެއް މީހުން ޑިޕޮޒިޓް ފައިސާގެ ކަންތައް ހަމަނުޖެހިގެން އަދިވެސް ފޮނުވާނުލެވިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.