04 Mar 2017, 22:49
ރާއްޖެއަކީ ފަތުރުވެރިކަމަށް މަޝްހޫރު ގައުމެއް ކަމުގައި ވީ އިރު، ސިނާއަތުގައި ވަރުގަދަ ބައެއްގެ ގޮތުގައި ދެމިހުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެކަން ކުރެވޭނީ، ފަތުރުވެރިންގެ ޝައުގުވެރިކަން ދަމައިގަނެގެން، އެމީހުން ރާއްޖެ ގެނެސްގެންނެވެ. ރާއްޖޭގެ ރީތިކަމުގެ ބޭނުން ހިފައި، ރާއްޖޭގެ ރީތިކަން ވިއްކުމަށްޓަކައި ކުރަން ޖެހެނީ އިޝްތިހާރެވެ.
ދެހާސް ފަނަރަ ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ގިނައެވެ. ގާތްގަނޑަކަށް 50،000 އެއްހާ ފަތުރުވެރިންގެ އިތުރުވުމެކެވެ. ދެހާސް ފަނަރައިގައި 1.23 މިލިޔަން ފަތުރުވެރިން ރާއްޖެ އައި އިރު، މިދިޔަ އަހަރު 1.28 ފަތުރުވެރިން އައެވެ.
ހަތަރު ޕަސަންޓުގެ ކުރިއެރުމެއް ޓުއަރިސްޓް އެރައިވަލަށް ލިބުނު ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި މިއަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ޖެހޭ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގަބޫލުކުރެވެއެވެ. މިދިޔަ އަހަރުގެ މިސްޓޭކަކަށް ވީ، ރާއްޖޭގެ އެންމެ ބޮޑު މާކެޓު ދެމެހެއްޓުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވުމެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ގިޔާސް "ސަން"އަށް ވިދާޅުވި ގޮތުގައި، އިންޑިއާ ކަނޑުގެ އެހެން ގައުމުތަކާއި ޖަޒީރާތައް އަބަދާއި އަބަދު މަސައްކަތް ކުރަނީ ރާއްޖެއާ ވާދަކުރުމަށެވެ.

ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ ހަރަކާތެއްގައި ގިނަ އަދަދެއްގެ ޗައިނާ މީހުން: ސްރީލަންކާއަކީ ފަތުރުވެރިކަމުގައި ރާއްޖޭގެ ވާދަވެރިއެއް ----
"ރާއްޖެ ރީޕްލޭސް ކުރަން ގިނަ ބަޔަކު އެބަ ޓްރައި ކުރޭ. ދޭ ވޯންޓް ދަ ޔީލްޑް ވީ ގެޓް. ރާއްޖެއަށް ރަނގަޅު މާޖިންއެއް ލިބޭ. ރާއްޖެ ވިއްކަނީ ޕްރީމިއަމެއްގެ ގޮތުގައި. އެހެންވެ ދިވެހިރާއްޖޭގެ ޓުއަރިސްޓުން ކެޕްޗާކރުަން ބޭނުންވަނީ،" ގިޔާސް ވިދާޅުވިއެވެ.
ދެހާސް ފަނަރާގައި ރާއްޖޭގެ އެންމެ ބޮޑު ފަތުރުވެރިކަމުގެ މާކެޓު، ޗައިނާއިން 359،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު 9.8 ޕަސަންޓުން ދަށްވެ، 324،000 އަށް މަދުވިއެވެ.
ގިޔާސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު މާކެޓު މިދިޔަ އަހަރު ދަށްވި ސަބަބަކީ، ރާއްޖޭގެ ވާދަވެރީންގެ މާކެޓިންގް ރަނގަޅުކުރުމެވެ.

ސީޝެލްސްގެ ޖަޒީރާއެއް ކައިރި: ސީޝެލްސްއަކީ ރާއްޖެ ފަދައިން އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ---
"ޗައިނީޒް އެރައިވަލްސް ދަށްވީ ރާއްޖެއަށް. އެކަމަކު ޗައިނީޒް އައުޓްބައުންޑް ގްރޯ ވި 16 ޕަސަންޓުން. އެމީހުން ދިޔައީ ރާއްޖޭގެ ކޮމްޕެޓިޓާސް ކައިރިއަށް،"
ފަތުރުވެރިކަމުގައި ރާއްޖެއާ އެންމެ ވާދަވެރި، ރާއްޖޭގެ އަވަށްޓެރިޔާ ސްރީލަންކާއަށް ޗައިނާ ފަތުރުވެރިން ޒިޔާރަތްކުރި އަދަދު 2016 ވަނަ އަހަރު 26 ޕަސަންޓުން މައްޗަށް ދިޔައެވެ. ދެހާސް ފަނަރަވަނަ އަހަރު 214،000 ފަތުރުވެރިން ޗައިނާއިން ލަންކާއަށް ދިޔަ އިރު، މިދިޔަ އަހަރުގ އެ އަދަދު 271،000 އަށް އިތުރުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ހުޅަނގު ދެކުނުން އިންޑިއާ ކަނޑުގައި އޮންނަ ސީޝެލްސް ޖަޒީރާއަށް ދިޔަ ޗައިނާ ފަތުރުވެރިންގެ އަދަދު ހަތަރު ޕަސަންޓުން މައްޗަށް ދިޔައެވެ. އެއީ 2015 ވަނަ އަހަރު 13،941އިން، މިދިޔަ އަހަރު 14،549 އަށެވެ.
ގިޔާސް ވިދާޅުވީ، ވާދަވެރިންނަށް އެ ކާމިޔާބީ ލިބުނީ އެ މީހުންގެ ގައުމުގެ ޑެސްޓިނޭޝަން މާކެޓިންގް ރަނގަޅުވުމުން ކަމަށެވެ.

2016 ވަނަ އަހަރުގެ އެރެބިއަން ޓްރެވަލް މާކެޓުގައި ސްރީލަންކާ ---
"ސްރީލަންކާ، ސީޝެލްސް، މޮރީޝަސް. ރާއްޖެއިން ޑެސްޓިނޭޝަން މާކެޓިންގްއަށް ހޭދަކުރާ މިންވަރަށް ވުރެ ދެގުނަ މި ގައުމުތަކުން ހޭދަކުރޭ. މިއަހަކު ލަންކާއިން ބައިވެރިވި ފެއާތަކުގެ އަދަދު ބައްލަވާ. އޭޓީއެމް، ފަދަ ތަންތަނުގައި ބޮޑެތި ސްޓޭންޑުތައް ހަދާފައި ހުރި. އެގައުމުތަކުގެ ކަލްޗަރަލް ޕަފޯމަންސްތަކާ އެއްޗެހި ބާއްވާ އިރު، އެމީހުންގެ ވާހަކަ އެންމެން ދައްކާނީ،" ގިޔާސް ވިދާޅުވިއެވެ.
ގިޔާސް ވިދާޅުވީ، ޚަރަދު ކުޑަކޮށްގެން ނަމަވެސް މިކަން ރާއްޖެއަށް ކުރެވޭނީ ތަންތަނުގައި އެންމެ ރަނގަޅު ޕްރެސެންޒެއް އޮވެގެން ކަމަށެވެ.
"ރާއްޖޭގައި ގިނަ ރިސޯޓުތައް ހުޅުވާ އިރު، އެކަންކަމުގެ ވާހަކަތައް ދައްކަންޖެހޭ. ސްޓެބިލިޓީވެސް އެބަހުރި ރާއްޖޭގައި. ވީ ހޭވް ދަ ރައިޓް ޕްލެޓްފޯމް،" ގިޔާސް ވިދާޅުވިއެވެ.