04 Mar 2017, 18:33
އެމްޓީސީސީގައި މިވަގުތު ހުސްވެފައި ހުރި 700 އެއްހާ ވަޒީފާގެ ފުރުސަތުތަކާ އެކު އެކުންފުނީގެ ޖޮބް ފެއާ، "ޖޮއިން ޓީމް އެމްޓީސީސީ" މިއަދު ހުޅުވައިފިއެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްގެންދާ އެ ފެއާ މިއަދު ހުޅުއްވައިދެއްވީ އެމްޓީސީސީގެ ޗެއާމަން އަހުމަދު ނިޔާޒުއާއި ޔޫތް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒަކީ އެވެ.
އެ ފެއާ އާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ އެޗްއާރު ޑިރެކްޓަރު އަބްދުﷲ ފައިދު ވިދާޅުވީ އެ ފެއާގެ ތެރެއިން ފަހި ކޮށްދެނީ ހަމަ އެކަނި ވަޒީފާގެ ފުރުސަތުތަކެއް ނޫން ކަމަށެވެ. އެގޮތުން ފެއާގެ ސްޓޯލުތަކުން މިއަހަރު ތެރޭ އެކުންފުނިން ކުރިއަށް ގެންދަން ހަމަޖައްސާފައި ހުރި ލޯންގް ޓާމް އަދި ޝޯޓް ޓާމް ޓްރޭނިންތަކުގެ މައުލޫމާތުވެސް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޓީސީސީގެ ޖޮބް ފެއާގެ ތެރެއިން -- ސަން ފޮޓޯ: ޔާމީން ސައީދު
"އިންޓްރެސްޓެޑް ކުދިން މިކޮޅަށް އައިސް އެބޭފުޅުންނަށް އޮންނާނެ ޗާންސް އެބޭފުޅުންގެ ފިއުޗާ ބައްޓަން ކުރާނީ ކިހިނެއްކަން. އެބޭފުޅުންނަށް އެމައުލޫމާތު ވެސް ދޭނެ. ކެރިއާ ގައިޑެންސްވެސް ދެވޭނެ. މިއަދު މިތަނުގަ އަޅުގަނޑުމެން މި ރަން ކުރަނީ ހޯލް ޕެކޭޖެއް،" ފާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެއާގެ ތެރެއިން، ވަޒީފާތަކަށް އެޕްލައި ކުރާ ފަރާތްތައް އިންޓަވިއު ކުރުންވެސް އެތަނުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓުތަކެއް އެ ފެއާގައި ބައިވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިރޭ 10:00 އާ ހަމައަށް ކުރިއަށް ގެންދާ އެ ފެއާގައި ކުޑަކުދިންނަށް ޚާއްސަ ޓޭބަލެއްވެސް ވަނީ ބަހައްޓާފައެވެ. ފޭސް ޕެއިންޓިންނާއި އެފަދަ ކަންކަންވެސް ފެއާގެ ތެރެއިން ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައެވެ.