ސާފް ޗެމްޕިއަންޕިއަންޝިޕް 2008 ކާމިޔާބުކޮށް ރާއްޖެއަށް ބައިނަލްއަގްވާމީ ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިދިން ކެޕްޓަން އައްސަދު އަބްދުލްޣަނީއަށް ރެއަކީ ހާއްސަ ރެ އެކެވެ. އައްސަދު ގެ ދޮށީ ދަރުފުޅު މުހައްމަދު އަރާޝް އައްސަދު، ރޭ ދެކުނު ކޮރެއާގެ ޕޮޗޮއެންގެ ގޯލަށް ވައްދާލި ޕެނަލްޓީއާ އެކު އެޓީމު ބަލިކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް، ދިވެހި ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދި ވަގުތުކޮޅަކީ އެތައް ދިވެހީންނެއްގެ މޫނު މައްޗަށް އުފާވެރިކަން ގެނެސްދިން ވަގުތުކޮޅެކެވެ.

ބަނގްލަދޭޝްގެ ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް 2017 ކާމިޔާބުކޮށް ޓީސީ ސްޕޯޓްސް ކްލަބުން މުޅި ގައުމު ފަހުރުވެރިކޮށްދިން އިރު، އެކަމާ އެންމެ ބޮޑަށް ފަހުރުވެރިވީ އެކަކީ ދިވެހި ރާއްޖެއަށް ބައިނަލްއަގުވާމީ ފުޓްބޯޅައިން ލިބުނު އެންމެ ފުރަތަމަ ތަށި އުފުލާލަދިން ''ގޯލްޑް ކެޕްޓަން'' އަސްއަދު އަބްދުލްޣަނީއެވެ.

އައްސަދުއަބްދުލްޣަނީގެ އާއިލާ -- ފޭސްބުކް ފޮޓޯ: އައްސަދު

އަސްއަދު ފަހުުރުވެރިވާން ޖެހޭ ސަބަބަތުތައް ބައިވަރެވެ. އައްސަދަކީ ދިވެހި ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި މުޅި އުމުރު ހޭދަކުރަމުންދާ، ދިވެހި ހުރިހާ ރައްޔިތުންގެ ލޯބި ހޯދާފައިވާ ކުޅުންތެރިއެކެވެ. ދިވެހި ފުޓްބޯޅައަށް މިވަރުގެ ދަރަޖައެއް ލިބުމުން އައްސަދު ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އައްސަދުގެ އެންމެ ބޮޑު އުފަލަކަށްވާނީ ރާއްޖޭން ބޭރުގައި ރާއްޖޭގެ ކުލަބަކުން ހޯދި ތާރީހީ ކާމިޔާބީގައި އޭނާގެ އަމިއްލަ ލޭގެ ހިއްސާއެއް އޮތުމެވެ. ދިވެހީން ފުޓްބޯޅައިގައި ހޯދި އެންމެ ބޮޑު ދެ ކާމިޔަބީގައި އައްސަދުގެ ހިއްސާ އޮތުން އެއީ ހަމަގައިމުވެސް އަސްއަދު ފަދަ ފުޓްބޯޅައަށް ލޯބިކުރާ މީހަކަށް ލިބޭނޭ ބޮޑު ހިތްހަމަޖެހުމަކާއި ފަހުރެކެވެ.

ސަން ސްޕޯޓްސްއިން އަސްއަދުގެ އިހްސާސްތައް މިވަގުތު ހުރި ގޮތް ބަލައިލުމަށް އޭނާއަށް ގުޅާލީމެވެ.

"ވަރަށް އުފާވެއްޖެ، ޒުވާން ޓީމެއް މިފަދަ ކާމިޔާބީއެއް ހޯދީމަ ފުޓްބޯޅައިގެ ތެރޭގައި އުޅުނު މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތްހަމަޖެހިއްޖެ، އަދި މި ކާމިޔާބީގައި އަޅުގަނޑުގެ ދަރިފުޅުގެވެސް ހިއްސާއެއް އޮތީމަ އަދި މާ ބޮޑަށް އުފާވޭ،" ގައުމީ ރަން ކެޕްޓަން ބުންޏެވެ.

އުމުރުން 18 އަހަރުގެ އަރާޝްއަކީ އަބަދުވެސް ފުޓްބޯޅައަށް ލޯބިކުރާ ކުއްޖެއްކަމަށް އަސްއަދު ކިޔައިދިނެވެ. އެގޮތުން އޭނާ ފުޓްބޯޅައިން ކުރިއަށްދާން ބޭނުންވުމުން އެފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރި ކަމަށާއި އަރާޝް މިއަދު އެހީސާބަށް ގޮސްފައި އެހުރީ އޭނާކުރި ބުރަމަސައްކަތުންނާއި ކުރި ހިތްވަރުން ކަމަށް އައްސަދު ފާހަގަކުރިއެވެ.

"އެންމެ ކުޑަ އިރުއްސުރެ ފުޓްބޯޅައަށް ވަރަށް ޝައުގުވެރިކަން ހުންނާނެ، ދެން ސްކޫލު ނިންމާލުމަށްފަހު ފުޓްބޯޅައިގެ ތެރެއިން ކުރިއަށް ދާން ބޭނުންވެފަ އޭނާގެ ކިބައިގައި އެ ހުނަރު ހުރިި ކަމަށް ޤަބޫލު ކުރެވޭތީ އޭނާ މިވަގުތު އެހުރީ ޓީސީ ފަދަ ޓީމެއްގައި،" އައްސަދު ބުންޏެވެ.

އައްސަދު ބުނީ އަރާޝްގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަަމަށާއި ޖުމުލަ ގޮތެއްގައި ޓީސީގެ ޒުވާން ކުޅުންތެރީން ދެއްކި ކުޅުމާ މެދުވެސް ހިތްހަމަޖެހޭކަމަށެވެ. އަދި ގައުމަށް މިވަރުގެ ކާމިޔާބީއެއް ހޯދައިދިނީތީ އެކަމާ ފަހުރުވެރިވާކަމަށްވެސް އައްސަދު ބުންޏެވެ.

"ދަރިފުޅަށް ދޭން އޮތް މެސެޖަކީ މިއީ ފެށުމެއްކަމަށް ބަލާށޭ، މިހާ ހިސާބުން ހުއްޓާނުލާށޭ، ހިތްވަރާ އެކު ކުރިއަށްދާށޭ،" އައްސަދު ބުންޏެވެ.

ީޓީސީއާ އަލަށް ގުޅުނު އިބްރާހިމް މަހުދީގެ ބަދަލުގައި އަރާޝް ރޭ ދަނޑުމައްޗަށް ކުޅެން އެރި އިރު އޭނާވަނީ ކުރީގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އަދި އޭނާ މެޗުގެ ތެރޭގައި ދެއްކި ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އެކަން ފާހަގަ ކުރީ އަލަށް އެހާ އުމުރުން ހަގު ކުޅުންތެރިއަކު ބައިނަލްއަގުވާމީ މުބާރާތެއްގައި ދައްކާ ޕާފޮމަންސަށް ވުރެ ރަނގަޅު ޕަފޯމަންސެއްގެ ގޮތުގައެވެ.

ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ އަރާޝްގެ ބޮޑު ބޭބެ އަކްރަމް އަބްދުލްޣަނީ އަކީވެސް މޮޅު ކުޅުންތެރިއެކެވެ. ގައުމަށް ފުޓްބޯޅައިގެ ތާރީޚުގައިވެސް ލިބުނު އެންމެ ފަހުރުވެރި ކާމިޔާބީ އެއް އާއިލާއަކުން ހިއްސާ ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. އައްސަދުއާ އަކްރަމް އަދި އާރަޝްއަށް ލިބުނު ތިން ރަން މެޑައްޔާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ މެޑަލް ހަރު ހުރި އާއިލާއަކަށް މި އާއިލާ ވާނެއެވެ.

އަރާސްގެ މި ކާމިޔާބީ އަކްރަމް ސިފަކުރާ ގޮތެއްވެސް ސަން ސްޕޯޓްސްއިން ބަލައިލީމެވެ. އަކްރަމް ބުނީ އަރާޝްގެ ކެރިއަރުގެ އެހާ ކުރީކޮޅު އެ ހޯދި ކާމިޔަބީއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މުޅި އާއިލާވެސް އެކަމާ ފަހުރުވެރިވާކަމަށެވެ.

"ވަރަށް އުފާވި، އަދި އައްސަދުބޭގެ ދަރި އަކު މިވަރުގެ ކާމިޔާބީއެއް ހޯދީމަ ލިބުނު ހިތްހަމަޖެހު ބަޔާން ކޮށްދޭންވެސް ނޭނގެ،" އަކްރަމް ބުންޏެވެ.

އަކްރަމް އަބްދުލްޣަނީ އަރާޝްއާއެކު -- ފޮޓޯ: އަކްރަމް

ޓީސީ ފައިނަލް މެޗު ކުޅެމުންދިޔަ ވަގުތަކީ މާލޭ ލީގުގައި ނިއުރޭޑިއަންޓް އަދި ވިކްޓަރީ ބައްދަލުކުރާމެޗަށް ދެޓީމު ތައްޔާރު ވަމުންދިޔަ ވަގުތު ނަމަވެސް އަކްރަމް ބުނީ ހުރިހާ ކުޅުންތެރިންވެސް ޗޭންޖިންގ ރޫމްގައި ތިބެގެން މި މެޗު ބެލި ކަމަށާއި މޮޅުވި ހިސާބުން އިހްސާސްވީ ރާއްޖޭގެ ގައުމީޓީމު ކާމިޔާބީއެއް ހޯދުން ފަދަ އިހްސާސެއް ކަމަށެވެ.

" ގައުމީ މެޗެއްގެ ގޮތުގައި މި މެޗު ސިފަވީ، ޗޭންޖިންގ ރޫމްގައި އިނދެގެން މެޗްބެލީ، މޮޅުވީމަ އެންމެންވެސް ވަރަށް އުފާވި އަދި ވަކިން އަރާޝްޖެހި ޕެނަލްޓީން ޓީސީއަށް ތަށި ޔަގީންވި ވަގުތު ކޮޅަކީ ބަޔާން ކޮށްދޭން ނޭނގޭ ހާއްސަ އިހްސާސް ތަކެއް ކުރެވުނު ވަގުތުކޮޅެއް."

މީގެ އަހަރު ތަކެއް ކުރިން އައްސަދު، އަކްރަމް އަދި އަންވަރު ފާހަގަވެގެންދިޔައީ ތިންބެއިން އެއް ކްލަބަކަށް ކުޅުނު ރެކޯޑް ހެދި ތިން ބެއިންގެ ގޮތުގައެވެ. ނަމަވެސް މިއަދު އެއާއިލާ ހާއްސަވަނީ ރާއްޖޭގައި ފުޓްބޯޅައިން ހޯދި އެންމެ ބޮޑު ކާމިޔާބީ ހިއްސާ ކުރާ އާއިލާގެ ގޮތުގައެވެ. ބޮޑުބޭބެއާ ބައްޕަ ތަރީހީ މުބާރާތުން ގައުމީ ޓީމަށް ރަން މެޑަލް ހޯދައިދިން އިރު އަރާޝް މި ހޯދައިދިނީ ކްލަބަކުން ދިވެހި ފުޓްބޯޅައަށް ހޯދައިދިން އެންމެ މުހިއްމު ކާމިޔާބީއެވެ.