ފަތުރުވެރިކަމަކީ ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަން ކަމަށާއި، މިވަގުތު ބޭނުންވަނީ ލޯ ކާބަން ގައުމަކަށް ރާއްޖެ ހެދުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިހެން ބުނީ، އިނގިރޭސިވިލާތުގެ "ދަ ގާޑިއަން" ނޫހަށް ސަރުކާރުގެ ބައެއް އިސްވެރިން ދެއްވި އިންޓަވިއުއެއްގައެވެ.

ސައުދީ އަރަބިއްޔާއިން ފ. އަތޮޅުގައި ހިންގަން އުޅޭ މަޝްރޫޢާއި، ރާއްޖޭގެ ތިމާވެއްޓާއި އަދި ރާއްޖޭގެ ކުރިމަގާ ގުޅޭގޮތުން ދަ ގާޑިއަންގައި ލިޔެފައިވާ ލިޔުމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި، އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމްގެ އިތުރުން މެރިން ރިސާޗު ސެންޓަރުން ވަނީ އިންޓަވިއު ދީފައެވެ.

ކުދި ބައެއް ރަށްރަށުގެ އާބާދީ ބަދަލުކުރަންޖެހޭ

ފްރާންސްގެ މެޑިޓެރޭނިއަން އައްސޭރީގައިވާ ފްރެންޗް ރިވިއޭރާއޭ ކިޔޭ ސަރަހައްދުގައިވާ ތަރައްގީފަދަ ތަރައްގީ ގެނުވާނެ މަޝްރޫއެއް ނިލަންދެއަތޮޅު އުތުރުބުރީގައި ތަރައްގީކުރުމަށް ސައުދީ އަރަބިއްޔާއިން ޝައުގުވެރިކަން ފާޅުކުރައްވާފައިވާކަން ރައީސް ޔަމީން އިއުލާން ކުރައްވާފައިވާ އިރު، ގާޑިއަން ނޫހުގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ތަރައްގީގެ ފެށުން ކަމަށެވެ.

ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މިކަން ކުރުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ތިން ރަށަކުން އެއް ރަށުގެ އާބާދީ، ތައުލީިމާއި ސިއްހީ ޚިދުމަތްތައް ލިބެން ހުރި ރަށްރަށަށް ބަދަލުކުރަންޖެހެއެވެ.

"ބަދަލުކުރެވޭ އާބާދީތަކަށް ހިލޭ ބޯހިޔާވަހިކަންވެސް ފޯރުކޮށްދެވޭނެ. ބައެއް ރަށްރަށުގައި 100 ވަރަކަށް މީހުން އެބަ އުޅޭ. އެ ރައްޔިތުން އެރަށްރަށުގައި އުޅޭތީ ކޮންމެ ރަށެއް ތަރައްގީކުރުމަކީ ދެކޮޅުޖެހޭނެ ކަމެއް ނޫން. ކޮންމެ އަތޮޅެއްގައި ވެސް އިސްކަން ދެވޭނީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށަށް،" މުއިއްޒު ވިދާޅުވިކަމަށް ގާޑިއަންގައި ރިޕޯޓުކޮށްފައިވެއެވެ.

ހައުސިންގް މިނިސްޓަރ މުއިއްޒު މިދިޔަ ހަފްތާގައި ބޭރުގެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ ހައުސިންގް މިނިސްޓްރީ

މުއިއްޒު ވިދާޅުވީ ފ. އަތޮޅު ތަރައްގީކުރުމަކީ ރާއްޖޭގެ މިނިވަންކަން ވިއްކާލުން ނޫން ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ ބޮޑު، އަދި އަވަހަށް ކުރިއަރައި ދެވޭނެ ފަދަ އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދޫކޮށްލެވޭ ރަށްތަކަށް ޓޫރިޒަމް

ހައުސިންގް މިނިސްޓަރު ވިދާޅުވީ ކުދި ރަށްރަށުގެ އާބާދީތައް ބޮޑެތި ރަށްތަކަށް ބަދަލުކުރާ ނަމަ، ދޫކޮށްލެވޭ ކުދި ރަށްރަށުގައި ޓުއަރިޒަމް ތަރައްގީކުރެވިދާނެ ކަމަށެވެ.

މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޝިހާމް އާދަމް ގާޑިއަންއަށް ވިދާޅުވި ގޮތުގައި، ޓުއަރިޒަމާއި ރިސޯޓުތަކަކީ ރާއްޖޭގެ ކުރިމަގުގެ ސަލާމަތެވެ.

"ރިސޯޓުތަކަކީ ތިމާވެއްޓާ ވަރަށް ރަހުމަތްތެރި ތަންތަން. މީހުން އާބާދުވެފައިވާ ރަށްރަށަށް ވުރެ ރިސޯޓުތަކުން ތިމާވެށި ހިމާޔަތް ކުރަން މާ ރަނގަޅު ކަންކަން ކުރޭ. ރިސޯޓުތަކުން ޖެހޭ ރަށް ވަށައިގެން 700 މީޓަރުގެ ސަރަހައްދު ހިމާޔަތްކުރަން،" އޭނާ ވިދާޅުވިއެވެ.

ދިވެހީންގެ ވެސް ހުވަފެންތަކެއް ވޭ

ޝިހާމް ވިދާޅުވި ގޮތުގައި، މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ އަސަރުތަކަކާ ގުޅިގެން ރާއްޖެ އަޑިއަށް ދިއުމަކީ ވާނެ ކަމެއް ނަމަވެސް، އެއީ ކައިރި މުސްތަގުބަލުގައި ވާނެ ކަންކަމެއް ނޫނެވެ.

"މިއީ އަންނަ އަހަރު ހިނގާނެ ކަމެއް ނޫން. އެބަހުރި އަޅުގަނޑުމެން މިހާރުން މިހާރަށް ބޭނުންވާ ކަންކަން. ތަރައްގީ ކުރިޔަށް ދާންޖެހޭ. އެމެރިކާއާއި ޔޫރަޕުގެ ރައްޔިތުންވެސް ހާސިލުކުރަން އެދޭ ކަންކަން ފަދައިން، ދިވެހީންވެސް އަމިއްލަ ހުވަފެންތަކެއް ދެކޭ،"

މިހާރު ބޭނުންވަނީ ލޯ ކާބަން ގައުމަކަށް ވާން

އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވިދާޅުވި ގޮތުގައި މޫސުމަށް ބަދަލުތަކެއް އެބަ އާދެއެވެ. އެކަމަކު ދިވެހީން ތިބީ އަމިއްލަ ވަޒަން ދޫކޮށްލާކަށް ނޫނެވެ.

"އަޅުގަނޑުމެން މިތިބީ ރާޅުތަކަށް ރާއްޖެ ދޫކޮށްލާކަށް ނޫން،"

އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި، 2020 ގެ ކުރިން ރާއްޖެ ކާބަން ނިއުޓްރަލް ކުރައްވާނެ ކަމަށް މުޅި ދުނިޔެއަށް އިއުލާން ކުރެއްވިއެވެ. ކާބަން ނިއުޓްރަލް ކުރުމުގެ މާނައަކީ ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑް ގޭހާއި އެއްވަރަށް އެ ގޭސް ޖައްވުން ނެތިކޮށްލައި، ކާބަން ފުޓްޕްރިންޓް ސުމެއްގައި ދެމެހެއްޓުމެވެ.

އެންވަޔަރަންމެންޓް މިނިސްޓަރު ވިދާޅުވީ ރާއްޖެ ކާބަން ނިއުޓްރަލް ކުރުމުގެ ލަނޑުދަނޑިއެއް މިހާރު ނެތް ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ބޭނުންވަނީ ލޯ ކާބަން ގައުމަކަށް ރާއްޖެ ހެދުމަށް،" ޠާރިޤު ގާޑިއަންއަށް ވިދާޅުވިއެވެ.

މިނިސްޓަރު ޠާރިޤު ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތައް ގާޑިއަންއާ ހިއްސާ ކުރައްވައިފައެވެ. އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކަށް ވުރެ މާ ބޮޑު މައްސަލަތަކެއް ދިވެހީންނަށް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެންމެ ބޮޑެތި މައްސަލަތަކަކީ ފެނާއި ނަރުދަމާ، ކުނި ނައްތާލުން، އަދި ކޯސްޓަލް ޕްރޮޓެކްޝަން. ރާއްޖޭގެ ހުރިހާ ރަށެއްގެ ތެރެއިން އެންމެ 31 ރަށުގައި ރަނގަޅު ނަރުދަމާ ހުރީ. އެންމެ ހަ ރަށުގައި ކުނި މެނޭޖްކުރާ ނިޒާމު ހުރީ،

"މިވަގުތަކީ އަމަލުކުރަންވީ ވަގުތު. މާނައެއް ނެތް ވާހަކަ ދެއްކުމާއި ވައުދު ވާންވީ ވަގުތެއް ނޫން،" އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު ގާޑިއަން ނޫހަށް ވިދާޅުވިއެވެ.