04 Mar 2017, 16:30
އިންޓަ ސްކޫލް ކޮލެޖް ޔުނިވާރސިޓީ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ސްކޫލުތަކަށް ވޮލީބޯޅަ އެސޯސިއޭޝަނުން ޖާޒީ ހަވާލުކޮށްފިއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތުގެވެސް ސްޕޮންސަރުގެ ގޮތުގައި ހަމަޖެހިފައިވާ މައިލޯގެ ލޯގޯ ޖަހަފައިވާ ޖާޒީ ހަވާލުކޮށްފައިވަނީ މިއަދު މެންދުރު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ސްކޫލުތަކާ ޖާޒީ ހަވާލު ކޮށްދެއްވީ ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފެވެ.
ޖާޒީ ހަވާލުކޮށްދެއްވުމަށް ފަހު ލަތީފް ދެއްކެވި ވާހަކަފުޅުގައި މި އަހަރު ގިނަ އަދެއްގެ ޓީމުތައް އަތޮޅުތަކުން ބައިވެރިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެހެން އަހަރުތަކުގައި އަތޮޅު ތަކުން އަންނަ ޓީމުތަކަށް ޔޫތު މިނިސްޓްރީން އެކޮމަޑޭޝަން ހަމަޖައްސައިދިންނަމަވެސް މިފަހަރު ޔޫތު އެކޮމަޑޭޝަން ބްލޮކްގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ އެކަން އެންމެ ރަނގަޅަށް ހަމަޖެހިފައި ނެތަސް، ވީއޭއެމްއިން އަތޮޅު ތެރެއިން އަންނަ ސްކޫލުތަކުގެ ހާލަތު ވަރަށް ރަނގަޅަށް ބަލަމުންދާނެކަމަށެވެ.
ލަތީފް އިތުރަށް ވިދާޅުވީ، މުބާރާތަށް ވާންޖެހޭ ތައްޔާރީތައް ވީއޭއެމްއިން ވަރަށް ރަނގަޅަށް ކުރިއަށްގެންދާކަމަށާއި ސްކޫލުތަކަށް ފަސޭހަވާނެހެން ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި 17 ސްކޫލަކާއި ފަސް ކޮލެޖަކުން ބައިވެރިވެފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން މައުލޫމާތުދެއެވެ.
ވީއޭއެމްއިން ބުނީ އެ މުބާރާތުގައި ހަމަ އެކަނި ސްކޫލްތަކުންވެސް 408 ދަރިވަރުން ވާދަކުރާނެ ކަމަށާއި އެއީ މިހާތަނަށް އެންމެ ގިނަ އެތުލީޓުން ކުޅޭ ވޮލީ މުބާރާތަށް ވާނެ ކަމަށެވެ.
މިފަހަރުގެ އިންޓަ ސްކޫލް ވޮލީބޯޅައިގައި ކުރިއަށްދާނީ 14 އަހަރުންދަށުގެ އުމުރުފުރާއާއި، 16 އަހަރުންދަށުގެ އުމުރުފުރާ އަދި 19 އަހަރުންދަށުގެ އުމުރުފުރާއެވެ. އޭގެ ތެރެއިން 19 އަހަރުންދަށުގެ އުމުރުފުރާގައި ހަމައެކަނި ފިރިހެން ބައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އެހެން ހުރިހާ އުމުރުފުރާއެއްގައި ވެސް ފިރިހެން އަދި އަންހެން ބައި ކުރިއަށްދާނެއެވެ. އިންޓަ ކޮލެޖް މުބާރާތުގައި އަންހެން އަދި ފިރިހެން ބައި ވެސް ހިމެނެއެވެ.