04 Mar 2017, 15:49
ދިވެހިރާއްޖެއަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ލޯބިވާ ގައުމެއް ކަމަށާއި ގާނޫނީ އުސޫލުތަކުގެ މަތިން އެ ގައުމުން ރާއްޖޭގައި އިންވެސްޓު ކުރުމަކީ މައްސަލައެއް ނޫން ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާއާ ގުޅޭ ގޮތުން ރާއްޖޭގައި އެކި ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީމް ވިދާޅުވީ އެ ސައުދީއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ނުފޫޒުގަދަ އިސްލާމީ ދައުލަތް ކަމަށެވެ. އަދި އިސްލާމީ އަޚުވަންތަކަން ދިރުވައި ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން، އެގައުމުގައި ހިމެނޭ ދެ ޙަރަމަށް ކޮށްދިން ޚިދުމަތަކީ ފަހުގެ ޒަމާނެއްގައި އިސްލާމީ އެއްވެސް ދައުލަތަކުން ކޮށްފައި ނުވާ ފަދަ ޚިދުމަތެއް ކަންވެސް ޝަހީމް ފާހަގަކުރެއްވި އެވެ.
"މިއަދު ސައުދީ އަރަބިއްޔާގައި އެވާ އަޅުގަނޑުމެން މުސްލިމުންގެ މުގައްދަސް ދެ މިސްކިތް އެ ވަނީ އެތައް މިލިއަން މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ބޮޑުކޮށްފަ. އަދި އިސްލާމީ އުއްމަތަށް މެދުވެރިވާ އެކި ކަންކަމުގައި އެގައުމުންވާ އެހީތެރިކަމަކީ އަޅުގަނޑުމެން ފާހަގަ ކުރަން ޖެހޭ ކަމެއް،" ޑރ. ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިސްލާމީ އަޚުވަންތަކަމާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ އިތުރުން އިގްތިސާދީ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ގާއިމު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެ ދެކެމުން މިދާ ތަރައްގީގައި އިސްލާމީ ގައުމުތައް ރާއްޖެއާ އެކު ސާބިތުވެ ތިބުމަކީ ރާއްޖެއަށް ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވެ ޚާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކުގެ އިންވެސްޓުމެންޓުތައް ރާއްޖެ އައިސް ރާއްޖެއަށް ފައިދާ ވާނެ ގޮތަކަށް މިކަންތައްތައް ތަރުތީބުވެގެން ދިއުމަކީ، ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ މަތިން އެއީ ދިވެހިރާއްޖެއަށް ފައިދާ ހުރި ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާއިން ކިޔަވާ ވިދާޅުވާ އިލްމުވެރިންނާ ޓެރެރިޒަމާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގު ކުރައްވަމުން ޝަހީމް ވިދާޅުވީ، އެގައުމު ފާހަގަ ކުރެވެނީ ދުނިޔޭގެ ފެންވަރުގައި، ޓެރަރިޒަމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް ވަކާލާތުކޮށް އަމަލީ ގޮތުން މަސައްކަތްތަކެއް ކުރަމުންދާ، އެކަމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ގައުމެއްގެ ގޮތުގައި ކަމަށެވެ.
އެގައުމުން ކިޔަވާ ވިދާޅުވެގެން އައިސް ރާއްޖޭގެ ސަރުކާރާއި އެނޫންވެސް ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ ފަރާތުން އިސްލާމީ ހަރުކަށި އުސޫލުތަކެއް އެއްވެސް ވަރަކަށް ނުފެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭގެ ތެރޭގަ ވަޒީރުކަމާއި ނައިބު ވަޒީރުކަމާއި އަދި ފަނޑިޔާރުކަމާއި މިހެން ގޮސް ވަރަށް ގިނަ މަގާމުތައް އެ ބޭފުޅުން ފުރުއްވަމުން އެބަ ގެންދަވާ. މީގެ ތެރެއިން ބޭފުޅުން މިފަދަ ކަމަކަށް (ޓެރަރިޒަމަށް) ހިތްވަރުދީ އުޅޭ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ސައުދީގެ ރަސްގެފާނަކީ އިސްލާމީ ގައުމުތަކަށް ލޯބި ކުރާ، އަދި ވަކިން ޚާއްސަކޮށް ރާއްޖެދެކެ ލޯބިވާ ރަސްކަލެއް ކަމަށެވެ. ގާނޫނީ އުސޫލުތަކުގެ މަތިން ރާއްޖޭގައި އެ ގައުމުން އިންވެސްޓު ކުރުމަކީ މައްސަލައެއް ނޫން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.