ޔާރާ ޕްރޮޑަކްޝަނުން އަންނަ ބުދަ ދުވަހު އަޅުވަން ހަމަޖައްސާފައިވާ ފިލްމު،'ވިޝްކާ"ގެ ސްކްރިޕްޓާއި ވާހަކަ އަކީ އޭނަގެ މިލްކުގައިވާ އެއްޗެއް ކަމަށް ބުނެ މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ހުށަހެޅި މައްސަލައަކީ މަދަނީ މައްސަލައަކަށްވާތީ އެ މައްސަލަ ނުބެލޭނެ ކަމަށް ފުލުހުން އަންގައިފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޮކޯ ހުށަހަޅާފައިވާ އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަން އަށް މިއަދު ވިދާޅުވީ، އެފަދަ މައްސަލަތަކީ ފުލުހުން ބަލާ މައްސަލަތަކަށް ނުވާތީ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށް ކޮކޯ އަށް އަންގާފައި ވާނެ ކަމަށެވެ.

"މަދަނީ މައްސަލަތައް ބަލަނީ ކޯޓުން. ފުލުހުން އެފަދަ މައްސަލަތައް ނުބަލާނެ. ކޯޓަށް އެ މައްސަލަ ހުށަހެޅުމަށް އެ މައްސަލަ ހުށަހެޅި ފަރާތަށް އަންގާފައި ވާނީ،" އޮފިޝަލް ވިދާޅުވިއެވެ.

އެ މައްސަލާއި ބެހެގޮތުން ކޮކޯ ބުނީ، މިއީ ނުހައްގުން މީހެއްގެ އެއްޗެއް ފޭރިގަތުމުގެ ބޭނުމެއްގައި ކުރާ ކަމެއް ނޫން ކަމަށާއި އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ. ނަމަވެސް އޭނާގެ ވާހަކައަކަށް ބަޔަކު ފިލްމެއް ތައްޔާރު ކޮށް އަޅުވާ ހިސާބަށް ދިޔައިރުވެސް އޭނާއަށް އެނގިފައި ނުވުމުން މި މައްސަލަ ކޯޓަށް ހުށަހަޅައި އޭގެ މިލްކުވެރިކަން ލިބެނީ ކާކަށްތޯ ޔަގީން ކުރާނެ ކަމަށް ކޮކޯ ބުންޏެވެ.

ޔާރާ ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޮކޯ ބުނީ، އެ ފިލްމު އޭނާގެ އެއްޗަކަށް ވުމަށް ހެކިދޭ އެތަކެއް ލިޔުން ތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށެވެ.

ފިލްމެއްގެ ޝޫޓިން އެއްގައި ކޮކޯ ހަސަން---

"އެއީ އަޅުގަނޑުގެ އެއްޗަކަށް ވާނެ ކަމުގެ ހުރިހާ ހެއްކެއް އެބަހުރި. އެ ވާހަކައިގެ ރައިޓްސް އަކީ އަޅުގަނޑުގެ އެއްޗެއް ކަމަށް ބުނެ ރިޝްމީ ސޮއިކޮށްފަ ދިން ސިޓީ ވެސް އޮންނާނެ. އަދި މަހުދީ ލިޔެފަ ދިން ސްކްރިޕްޓްގައި ނަން އޮތީ އަޅުގަނޑުގެ އެއްޗެއް ކަމަށް ވޯޓާ މާކްވެސް ކޮށްފައި. އެހެންވީމަ ބަލަން ބޭނުން މީގެ މިލްކުވެރިޔަކީ އަސްލު ކާކުތޯ. ކޯޓަށް ވެސް މައްސަލަ ހުށަހަޅާނަން،" ކޮކޯ ބުންޏެވެ.

ކޮކޯ ބުނީ އެ ފިލްމުގެ ވާހަކަ ލިޔުނީ ރިޝްމީގެ ރަހުމަތްތެރިއެއް ކަމަށާއި އެ ފިލްމު އޭނައަށް މިލްކުކޮށްދިން ކަމުގެ ސިޓީއެއް ވާހަކަ ލިޔުނު މީހާ ދީފައިވާ ކަމަށެވެ.

"ރިޝްމީ ގާތުވެސް އެ ވާހަކަ ބުނިން. އޭނަ ބުނި ކިހިނެތްހޭ އަޅުގަނޑު ދޭނީ. ދެން އަޅުގަނޑު ބުނެފިން ތީތި ދޭށޭ. އެހެންބުނީމަ ރިޝްމީ އެ ވަހަކަ ލިޔުންމީހާގެ ސޮއިކޮށްފަ އަޅުގަނޑަށް ސިޓީ ދިނީ އެ އަޅުގަނޑުގެ އެއްޗެއް ކަމަށް ނިންމާފަ. ދެން އަޅުގަނޑު ޕޭކުރީ މަހުދީ އަށް. މަހުދީ ދިން ސްކްރިޕްޓްގައިވެސް އޮތީ އެއީ އަޅުގަނޑުގެ އެއްޗެއް ކަމަށް ބުނެ ވޯޓާ މާކްވެސް ޖަހާފަ،" ކޮކޯ ބުންޏެވެ.

ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ވާހަކަ ރިޝްމީއަށް ވިއްކާލަން އޭނާ އެދުނު ކަމަށާއި ނަމަވެސް ފަހުން ރިޝްމީގެ ޚަބަރެއް ނުވާ ކަމަށް ކޮކޯ ބުންޏެވެ.

"މީގެ އަށް މަސް ކުރިން ރިޝްމީ ގުޅާފަ ބުނީ އޭތި އަނެއްކާވެސް ރިޝްމީ އަށް ވިއްކާލާށޭ. ދެން އެހެން ކިޔާފަ ޚަބަރެއް ނުވޭ. އޭގެ ދޮޅުމަސް ފަހުން އަޅުގަނޑަށް އެނގުނީ އެ ވާހަކަ އަށް ރިޝްމީ ފިލްމެއް ހަދާކަން،" ކޮކޯ ކިޔައިދިނެވެ.

"ވިޝްކާ" ގެ ޕޯސްޓަރެއް---

މި މައްސަލައާ ގުޅޭގޮތުން ރިޝްމީ ބުނީ، އެއީ ކޮކޯގެ އެއްޗަކަށް ވާނެ ކަމުގެ އެއްވެސް ސަބަބެއް ނެތް ކަަމަށާއި މަހުދީ އަށް ދެއްކި 6500 ރުފިޔާގެ އިތުރުން އެއްވެސް ހަަރަދެއް އޭނާ ނުކުރާ ކަމަށެވެ. އަދި އެ މައްސަލާގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ ކޯޓަށްވެސް ދަނެ ކަަމަށް ރިޝްމީ ބުންޏެވެ.

އެ ފިލްމަކީ ރިޝްމީގެ އެއްޗެއް ކަމަށް ޝަރީއަތުން ކަނޑައަޅައިފިނަމަ އެކަމަށް އިހްތިރާމް ކުރާނެ ކަމަށް ވެސް ކޮކޯ ބުންޏެވެ.