04 Mar 2017, 15:08
އީޔޫ (މާޗް 4): އެމެރިކާގެ ރައްޔިތުންނަށް ވިސާއާ ނުލައި އީޔޫގެ ގައުމުތަކަށް ނުވަދެވޭ ގޮތް ހެދުމަށް ގޮވާލައި ގަރާރެއް އީޔޫގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
ކުރިއަށް އޮތް ދެ މަސް ތެރޭ އެމެރިކާއާ ދެކޮޅަށް އެ ފިޔަވަޅު އެޅުމަށް ގޮވާލާއި މަޖިލީހުން އެ ގަރާރު ފާސްކުރީ އެ ޖަމިއްއްޔާގެ މެމްބަރު ގައުމުތަށް ކަމަށްވާ ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް، ޕޮލެންޑް އަދި ރޯމޭނިއާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާއަށް ދިޔުން ހުއްދަ ކުރަން އެމެރިކާއިން ދެކޮޅު ހެދުމުންނެވެ.
އެ ގަވާއިދު ތަންފީޒު ކުރާނީ ޔޫރަޕިއަން ކޮމިޝަނުން އެއަށް ރުހުން ދިނުމުންނެވެ. އަދި މަޖިލިސް މެމްބަރުން ވަނީ އެމެރިކާއާ ދެކޮޅަށް ފިޔަވަޅު ނާޅައިފި ނަމަ އީޔޫގެ ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ޔޫރަޕިއަން ކޮމިޝަނުން ވަނީ ހިލޭ ވިސާގައި ގައުމުތަކަށް ދަތުރުކުރެވޭ އެއްބަސްވުމާ އެއްގޮތަށް އެމެރިކާގެ އިތުރުން، އޮސްޓްރޭލިއާ، ކެނެޑާ، ބުރުނާއީ އަދި ޖަޕާނުން އަމަލު ނުކުރާ ކަމަށް ބުނެފަ އެވެ.
އޭގެ ފަހުން އޮސްޓްރޭލިއާ، ބުރުނާއީ އަދި ޖަޕާނުން ވަނީ ހިލޭ ވިސާގައި އެ ގައުމުތަކަށް ދަތުރު ނުކުރެވޭ ގޮތަށް ހަދާފައިވާ އީޔޫގެ ބައެއް ގައުމުތަކަށް، ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތް ހަދާފަ އެވެ. އަދި އަންނަ ޑިސެމްބަރު މަހުން ފެށިގެން ބަލްގޭރިއާ އާއި ރޯމޭނިއާގެ ރައްޔިތުންނަށް ވިސާއާ ނުލައި ކެނެޑާއަށް ދަތުރު ކުރެވޭނެ އެއްބަސްވުމެއް އެގައުމާއެކު ހަދާފައިވާ ކަމަށް އީޔޫގެ ގާނޫނު ހަދާ މަޖިލީހުން ބުނެ އެވެ. (ނިއުޔޯކްޓައިމްސް)